އާޖެންޓީނާގައި މިހާރު ކުރިއަށްދާ ފީފާ ވިހި އަހަރުން ދަށުގެ ވަރލްޑް ކަޕުގެ ކުއާޓާފައިނަލުގެ ފަހު ދެޖާގަ ދެކުނު ކޮރެއާ އާއި އުރުގެއޭ ރޭ ޔަގީން ކޮށްފިއެވެ.
ދެކުނު ކޮރެއާ، ކުއާޓާފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި އިކްއެޑޯރާ ވާދަކުރި ފޯރިގަދަ މެޗް 3-2 އިން ކާމިޔާބު ކޮށްގެންނެވެ. މެޗުގައި ފުރަތަމަ 2 ލަނޑު ޖެހީވެސް ކޮރެއާއިންނެވެ. އިކްއެޑޯރުން ފުރަތަމަ ހާފް ނިމުމުގެ ކުރިން ލަނޑެއް ޖެހުމުން ފޯރިގަދަވީއެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު ކޮރެއާއިން އިތުރު ލަނޑެއް ޖަހައި ލީޑް ފުޅާކުރިނަމަވެސް މެޗް ނިމެން 6 މިނެޓަށްވެފައި ވަނިކޮށް އިކްއެޑޯރުން ފަރަގު ކުޑަ ކުރުމުން ކޮރެއާ ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓުނެވެ.
ކުއާޓާފައިނަލުގައި ކޮރެއާ ބައްދަލު ކުރަން ޖެހެނީ މިފަހަރު މުބާރާތް ކާމިޔާބު ކުރާނެކަމަށް އެންމެ ބޮޑަށް ބެލެވޭ ނައިޖީރިޔާއާއެވެ.
އުރުގުއޭއިން ކުއާޓާފައިނަލުން ޖާގަ ހޯދީ ގެމްބިއާ 1-0 އިން ބަލިކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ގެމްބިއާގެ މަންސޫރަށް ރަތްކާޑް ދެއްކުމުން ދެވަނަ ހާފް އެއްކޮށް ގެމްބިއާ ކުޅެން ޖެހުނީ އެއްކުޅުންތެރިޔަކު މަދުކޮށެވެ.
ކުއާޓާފައިނަލުގައި އުރުގުއޭ ބައްދަލު ކުރާނީ އެމެރިކާއާއެވެ.