ލިއޮނަލް މެސީ، ކުރިއަށް އޮތް ސީޒަނުގައި އޭނާ ކުޅޭނެ ކްލަބެއް އަންނަ ހަފްތާގައި ނިންމާނެ ކަމަށާއި ނޫސްވެރިން އެކަމާ އުޅުމުގެ ބޭނުމެއް ނެތް ކަމަށް ބާސެލޯނާގެ ކޯޗް ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

މެސީއާއެކު ގިނަ ދުވަސްތަކެއް ވަންދެން ބާސެލޯނާއަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި ޒަވީ ބުނީ މެސީ އެނބުރި ބާސެލޯނާއަށް އަންނަން ބޭނުންވާކަން ގަބޫލް ކުރާ ކަމަށާއި އެކަމަށް އޭނާވެސް އެދި ހުރި ކަމަށެވެ.

"އަންނަ ހަފްތާގައި މެސީ ގޮތެއް ނިންމާނެ. މެސީ ގެނައުމަށް އަހަރެންގެ ފުރިހަމަ ތާއީދު ކްލަބަށް ވާނީ ދީފައި. މެސީ އެނބުރި އަތުވެއްޖެނަމަ، ޔަގީނުންވެސް އޭނާ އަހަރެމެންނަށް އެހީވާނެ (ތަށި ހޯދުމަށް). އަހަންނަށް ގަބޫލް ކުރެވެނީ އެންމެ މަތީ ފަންތީގައި ފުޓްބޯޅަ ކުޅުމުގެ ވިސްނުމާއި ލޯބި މެސީ ހިތުގައި އަދިވެސް އެބައޮތް ހެން. ބާސެލޯނާގެ ދޮރު ހުރީ މެސީއަށް ހުޅުވިފައި. މިކްލަބުގެ އެންމެންވެސް މިތިބީ މެސީގެ އިންތިޒާރުގައި. އުއްމީދު ކުރަނީ މެސީ އެނބުރި އައުމުގެ ކަންކަން އޮމާންކަމާއެކު ކުރިއަށްދާނެ ކަމަށް" ޒަވީ ބުންޏެވެ.

ބާސެލޯނާއަށް ދިމާވީ މާލީ މައްސަލަތަކާހުރެ މެސީގެ ކޮންޓްރެކްޓް އާނުކުރެވި މެސީ، ބާސެލޯނާ ދޫކޮށް ދާންޖެހުނީ މީގެ 2 ސީޒަން ކުރިންނެވެ. ފްރީ ޓްރާންސްފާއެއްގައި މެސީ އޭރު 2 އަހަރުގެ އެއްބަސްވުމެއްގެ ދަށުން ގުޅުނީ ފްރާންސްގެ ޕީއެސްޖީއާއެވެ. ޕީއެސްޖީއާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް މިމަހު ހަމަވާއިރު، މިސީޒަން ނިމުމުން ޕީއެސްޖީ ދޫކޮށް މެސީ ދާނެ ކަމަށް އެކްލަބުގެ ކޯޗް ކްރިސްޓޮފާ ގަލްޓިއާ ވަނީ މީގެ ދެދުވަސް ކުރިން މީޑިޔާގައި އިއުލާން ކޮށްފައެވެ.

ޕީއެސްޖީގެ ޖަރޒީގައި މެސީ ކުޅޭ ފަހު މެޗް އޮންނާނީ މިރެއެވެ. މިމެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރުއެވެ.