ޔޫރަޕުގެ ބޮޑެތި ބާރުތަކުން ފާރަލައިގެން ހުރި ޕޯޗުގަލްގެ ނުރައްކާތެރި ވިންގަރ ރަފޭލް ލިއައޯ، އޭސީ މިލާނުގެ ކޮންޓްރެކްޓް 2028 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް މިއަދު އާކޮށްފިއެވެ.

ދުވަސްތަކަކަށްފަހު މިލާނުން 22-2021 ސީޒަނުގެ އިޓާލިއަން ސީރިއޭގެ ޗެމްޕިއަންކަން ހޯދިއިރު އެސީޒަނުގެ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް އަދި މިސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް އޭސީ މިލާން ގެންގޮސްދިނުމުގައިވެސް މޮޅު ކުޅުމެއް ދެއްކި ލިއައޯ، މިލާނުގެ ކޮންޓްރެކްޓް އާކުރީ ސީޒަނަކަށް 5 މިލިޔަން ޔޫރޯގެ މުސާރައަށެވެ. ރިލީޒް ކްލައުސް (ވިއްކާލާނެ އަގެއްގެ ގޮތުގައި) މިލާނުން އެގްރިމެންޓުގައި ހިމަނާފައި ވަނީ 175 މިލިޔަން ޔޫރޯއެވެ.

އުމުރުން 23 އަހަރުގެ ލިއައޯއަކީ މިވަގުތު ޔޫރަޕުގައި ކުޅެމުން އަންނަ އެންމެ މޮޅު 3 ވިންގުންގެ ތެރޭގައި ގިނަ ތަޖުރިކާރުން ގުނައެވެ. ލިއައޯއަކީ ސީރިއޭގެ ތާރިހުގައި އެންމެ އަވަހަށް ލަނޑެއް ޖެހުމުގެ ރެކޯޑްވެސް އޮތް ކުޅުންތެރިޔާއެވެ.