ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އައްޑޫސިޓީ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި އައްޑޫސިޓީގެ ތަރައްޤީއާ ގުޅޭ މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
އައްޑޫސިޓީ ކައުންސިލުގެ އިދާރާގައި ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުގެ މެންބަރުން ވަނީ ޚާއްޞަގޮތެއްގައި އައްޑޫ ސިޓީގެ ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމަށް ކުރެވިފައިވާ މުހިންމު ގިނަ ކަންތައްތަކެއް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
އެގޮތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ގިނަ އައު ޚިދުމަތްތަކެއް ތައާރަފްކުރެވި އަދި ކެތްލެބްގެ މަސައްކަތްވެސް ނިމުމަކާ ގާތްވެފައިވާކަމާއި ހުޅުމީދޫގެ ޞިއްހީ މަރުކަޒުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރެވި ރައްޔިތުންނަށް އޭގެ ލުއިފަސޭހަތައް ލިބެމުން އަންނަކަން ސިޓީ ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ތަޢުލީމީ ދާއިރާއިން އައްޑޫ ސިޓީގެ ސްކޫލުތަކުގެ ޖާގައިގެ މައްސަލަ ޙައްލުކޮށްދެއްވުމަށް ކޮށްފައިވާަ މަސައްކަތްތަކާއި އަދި ތަޢުލީމީ ދާއިރާއިން ލިބެމުން އަންނަ ކުރިއެރުންތައް ވެސް ސިޓީ ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ.
ކައުންސިލުން ފާހަގަކުރެއްވި އިތުރުކަންކަމުގެ ތެރޭގައި މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާއި، ކުނީ މެނޭޖްކުރުމުގައި ކުރިމަތިވާ ދަތިތަކުގެ އިތުރުން ސިޓީ ކައުންސިލުގެ އިންސާނީވަޞީލަތް އިތުރުކުރުމަށް ބޭނުންވާކަން ފާހަގަކުރެއްވުން ހިމެނެއެވެ. އަދި އިޤްތިޞާދީ އިޖުތިމާޢީ ދާއިރާއިން އައްޑޫ ސިޓީގެ ތަރައްޤީއަށް މުހިންމު އިތުރުކަންކަމާއި އަދި ޙައްލުހޯދުމަށް ބޭނުންވާ މުހިންމުކަންކަން ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި މަސްވެރިނަށް ލުއި ފަސޭހަ ހޯދައިދިނުމުގެ ގޮތުން މިހާރު ވެސް މަސައްކަތް ތަކެއް ކުރިޔަށްދާކަން ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އައްޑޫސިޓީއަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.