އާންމުކޮށް ގަބޫލުކުރެވޭ ހަގީގަތަކީ، ދުނިޔޭގައިވާ އެންމެހައި އެއްޗަކީ، އެ އެއްޗެއް މިނެކިރޭ ނަމަ، އެ އެއްޗެއް ހުރި މިންވަރު އިތުރު ކުރެވިދާ ތަކެތި ކަމެވެ.

ފައިސާއާއި މުދަލާއި މުއްސަނދިކަން އިތުރު ކުރެވިދާނެއެވެ. ދަރިން ގިނަ ކުރެވިދާނެއެވެ. ތިމާއަށް މީހުން ކުރާ ގަދަރު އިތުރު ކުރެވިދާނެއެވެ. ލިބޭ ލޯތްބާއި އުފާވެރިކަމަކީ ވެސް އިތުރު ކުރެވިދާ ކަމެކެވެ. ސިއްހަތު ވެސް އިތުރަށް ރަނގަޅު ކުރެވިދާނެއެވެ. މި ހުރިހާ އެއްޗެއްސާއި ކަންކަމަކީ ވެސް އިތުރު ކުރެވިދާނެ ކަންކަމެވެ.

ނަމަވެސް އިތުރު ނުކުރެވޭނެ އެއްޗެއް ވެސް އެބަވެއެވެ. އެއީ އާންމުކޮށް ހުރިހާ އެންމެން ވެސް އޭގެ ބޭނުން ހިފާ އެއްޗެކެވެ. އެއީ އެއްވެސް ފިޔަފަތެއް ނެތި، އަތެއް ފަޔެއް ނުވަތަ ފުރޮޅެއް ނެތި ވަކި ދުވެއްޔެއްގައި ދުވާ އެއްޗެކެވެ. އެއީ އެއްވެސް ގެއްލުމެއް ދޭނެ އެއްޗެއްނޫނެވެ. ނަމަވެސް ކޮންމެ މީހަކު މަރުވަނީ ވެސް އޭގެ ސަބަބުންނެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅު ތަކުގައިވާ މީހުން ކުރެން އޭގެ ވާހަކަ އަހައިފި ނަމަ، ކޮންމެ ދިމާއަކުން ވެސް ލިބޭނީ ތަފާތު ޖަވާބެކެވެ. އެ އެއްޗަކީ ވަގުތެވެ.

ވަގުތާއި ގަޑި

ވަގުތަކީ އެއް ބާރުމިނެއްގައި ދައުރުވާ އެއްޗެކެވެ. ދުނިޔޭގެ އެއްވެސް ހިސާބެއްގައި ވަގުތުގެ ދުވެއްޔަކަށް ބަދަލެއް ނާންނާނެއެވެ. ނަމަވެސް ވަގުތު މިނުމުގައި ބަލާ "ގަޑި" އަކީ ދުނިޔޭގެ އެކި ދިމާގަގައި ("ޓައިމް ޒޯން" ގައި) ތަފާތު އެއްޗެކެވެ. އެއީ އެއްވެސް ގޮތަކަށް ވަގުތު ދައުރުވުން ތަފާތުވެގެން އަންނަ ބަދަލެއް ނޫނެވެ. އެއީ ހަމައެކަނި، ދުނިޔޭގައި ގަޑި ބެލުމަށް ހަދާފައިވާ ގަވާއިދުތަކުގެ ދަށުން އިންސާނުން ވަގުތު މިނެ އުޅޭ ގޮތުން ފެންނަ ބަދަލެކެވެ. ނަމަވެސް ވަގުތަކީ އެއްވެސް ވަރަކަށް އިތުރު ކުރެވޭނެ އެއްޗެއް ނޫނެވެ. މުދާ، ފައިސާ، ލޯބި، ނުވަތަ ނުފޫޒު ބޭނުން ކޮށްގެން ވެސް އިތުރެއް ނުކުރެވޭނެއެވެ. ނުވަތަ އެ ނޫން ވަސީލަތެއް ބޭނުން ކޮށްގެން ވެސް ވަގުތެއް އިތުރެއް ނުކުރެވޭނެއެވެ. ވަގުތަކީ މި ކާއިނާތް އުފެއްދެވި ހިނދުން ފެށިގެން ގިޔާމަތާ ޖެހެންދެން ހިނގަ ހިނގާ ހުންނާނެ އެއްޗެކެވެ. އަދި އެއަށް ވުރެ ބޮޑަށް އިތުބާރު ކުރެވޭނެ ދެވަނަ އެއްޗެއް ނެތް ކަމަށްވެސް ބުނެވިދާނެއެވެ.

ދުނިޔޭގައިވާ ގިނަ ތަކެތީގެ ދިރުން، ނުވަތަ އުޅުން، ނުވަތަ މުއާމަލާތުތައް މިނެ ކިރެނީ ވަގުތު ބޭނުންކޮށްގެންނެވެ. އެއްވެސް އެއްޗެއްގެ ދުވެލި، ކިތަންމެ ސްޕީޑް ބާރު ވިޔަސް، ނުވަތަ ދުވެލި މަޑުވިޔަސް، ވަގުތު ބޭނުން ކޮށްގެން މެނުވީ ނުބެލޭނެއެވެ. އެހެނީ "ސްޕީޑް" އަކީ އޭގެ ޒާތުގައި ވަގުތާ ލާމެހިފައިވާ އެއްޗެކެވެ.

ސައިންސްގެ ދާއިރާގައި ސްޕީޑަކީ ކޮބައިކަން ގާއިމު ކޮށްދެއްވީ އިޓަލީވިލާތުގެ ފިޒިސިސްޓް، ގަލިލެއޯ ގަލިލެއި އެވެ.

ގަލިލެއޯގެ ޒަމާން

ގަލިލެއޯ ބަޔާންކުރައްވާފައި ވަނީ އެއްޗެއްގެ ދުވެލި މިނުމުގައި ބަލާނީ ވަކި ވަގުތެއްގައި އެ އެއްޗެއް ދަތުރު ކުރަނީ ކިހާ ދުރު މިނަކަށް ކަމެވެ. ގަޑި އިރެއްގެ ތެރޭ އެ އެއްޗެއް ދުވަނީ ކިތައް ކިލޯމީޓަރަށްތޯ ބެލުމުން، އެ އެއްޗެއްގެ ސްޕީޑް އެނގުނީއެވެ. އެ ސްޕީޑް މިނެފައިވާ ވަރު ބުނާނީ "ގަޑިއަކު ދުވާ ކިލޯމީޓަރު" ގެ އަދަދެއްގެ ގޮތުގައެވެ. ނުވަތަ ދުރުމިން މޭލުން ބަލާނަމަ، އޭގެ ސްޕީޑަކީ "ގަޑިއަކު ދުވާ މޭލު" ގެ ބާރުމިނެވެ. ނުވަތަ ދުރުމިން ބަލަނީ އެހެން ބާވަތެއްގެ މިނެއް ބޭނުން ކޮށްގެން ނަމަ، އޭގެ ސްޕީޑަކީ އެ މިނަށް ނިސްބަތްކޮށް ބުނާނެ އެއްޗެކެވެ.

ހަމަ އެ ފަދައިން، އެއްޗެއްގެ ސްޕީޑު ބެލުމުގައި ގަޑިއިރެއްގެ ބޭނުން ނުކޮށް އެހެން ބާވަތެއްގެ މިނެއް ބޭނުންކޮށްގެން ވަގުތު މިނާ ނަމަ، އެ އެއްޗެއްގެ ސްޕީޑަކީ އެ ބޭނުންކުރި ވަގުތުގެ މިނުގެ ބާވަތަށް ނިސްބަތްކޮށް ބުނާނެ އެއްޗެކެވެ.

ގަލިލެއޯ ބުނުއްވާފައިވަނީ ކިތަންމެ މަޑުން ދުވިޔަސް ނުވަތަ ކިތަންމެ ބާރަށް ދުވިޔަސް، އެއްޗެއްގެ ދުވެލި މިނުމުގައި ބަލާނީ ދަތުރުކުރި ދުރުމިނަށާއި ވަގުތަށް ކަމަށެވެ.

ނިއުޓަންގެ ޒަމާން

ގަލިލެއޯގެ މަސައްކަތައް ފަހު، އޭގެ ގަރުނެއްހާ ދުވަސް ފަހުން، ސަރ އައިސެކް ނިއުޓަން ހޯއްދެވި އިލުމުގެ ނަތީޖާގައި ސްޕީޑު ބަލާގޮތަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. ނަމަވެސް އެއްޗެއްގެ ހަގީގީ ސްޕީޑަކީ ތަފާތު އެއްޗެއްކަމަށް ކަނޑައެޅިފައިވެއެވެ. އެއްޗެއްގެ ސްޕީޑަކީ ކޮބައިކަން ދެނެގަނެވޭނީ އެ އެއްޗެއްގެ ދުވެލި މިނާ ފަރާތުގެ ހާލަތު އެނގުމުންނެވެ.

މިސާލަކަށް މަގެއްގެ މަތީ ހުރި މީހަކަށް ކާރަކާއި ބައިސްކަލެއް ދުއްވާފައި އަންނަތަން މިނާ އިރު، ބައިސްކަލުގެ ސްޕީޑަކީ ގަޑިއަކު 12 ކިލޯމީޓަރެވެ. ކާރުގެ ސްޕީޑަކީ ގަޑިއަކު 30 ކިލޯމީޓަރެވެ. މަގުމަތީ ހުރި މީހާ ހުރީ ހުއްޓިގެންނެވެ. ނަމަވެސް ނިއުޓަންގެ ސައިންސް އިން ފާހަގަ ކޮށްފައިވަނީ، އެ ކާރުގައި އިން މީހަކު، ހަމަ އެ ވަގުތު، ބައިސްކަލުގެ ސްޕީޑު މިނެފިނަމަ، ފެންނާނީ ބައިސްކަލު ދަނީ ފަހަތަށް ކަމަށެވެ! އެހެނީ، ބައިސްކަލަށް ވުރެ ބާރަށް ކާރު ދާތީ، އިސާހިތަކު ބައިސްކަލު ފަސްދީ ކާރު ކުރި އަރައިގެން ދާނެތީއެވެ. އަދި އެއީ ގަޑިއަކު 18 ކިލޯމީޓަރުގެ ބާރުމިނުގައެވެ. (ބައިސްކަލަށް ވުރެ ކާރުގެ ސްޕީޑު އިތުރުވަނީ 18 އެވެ.) ހަމަ އެފަދައިން، ކާރުގައި އިންނަ މީހާ އަށް، މަގުމަތީ ހުއްޓިގެން ހުރި މީހާވެސް ފަހަތަށް ދާ ކަމަށް އިހުސާސް ކުރެވޭނެއެވެ. އެއީ ގަޑިއަކު 30 ކިލޯމީޓަރުގެ ސްޕީޑެއްގައެވެ.

އޭގެ އިތުރުން، ބައިސްކަލުގައި އިން މީހާ ވެސް، ކާރުގެ ސްޕީޑު ބަލައިފިނަމަ، ފެންނާނީ ކާރުގެ ސްޕީޑަކީ ގަޑިއަކު 18 ކިލޯމީޓަރު ކަމަށެވެ. އަދި މަގުމަތީ ހުއްޓިގެން ހުރި މީހާ ދަނީ ގަޑިއަކު 12 ކިލޯމީޓަރުގެ ސްޕީޑުގައި ފަހަތަށް ކަމަށެވެ.

ވީމާ ކޮންމެ އުޅަނދެއްގެ ނުވަތަ މީހެއްގެ ސްޕީޑަކީ އެ ސްޕީޑު މިނާ ފަރާތުގެ ސްޕީޑާ ހުރި ތަފާތެވެ. ނިއުޓަންގެ ސައިންސްގައި އެއްޗެއްގެ ސްޕީޑު ބުރަވެގެން ވަނީ އެ ސްޕީޑު ބަލާ މީހާގެ ސްޕީޑަށެވެ.

އިތުރު އެހެން މިސާލެއްގައި، އުދުއްސާލުމަށް ދުއްވާފައި ދާ މަތިން ބޯޓެއްގައި އިން މީހަކަށް ފެންނާނީ ރަންވޭ އާއި އެއާޕޯޓުގެ އިމާރާތްތައް ފަހަތައް ދުވެދާ ތަނެވެ. ނުވަތަ ދުއްވާފައި ދާ ރޭލެއްގައި އިން މީހަކަށް ފެންނާނީ ރޭލުގެ ބޭރުގައިވާ ތަންތަން ފަހަތައް ދުވާ ތަނެވެ. އެ މީހުންނަކަށް އެ މީހުން ތިބި އުޅަނދު ދުއްވާ ކަމެއް އިހުސާސެއް ނުކުރެވޭނެއެވެ. އެހެނީ އެ މީހަކާ އެ އުޅަނދާ ދެމެދުގައިވާ ދުރުމިނަށް އެއްވެސް ބަދަލެއް ނާންނާތީއެވެ.

ނިއުޓަންގެ ސައިންސް ގެ ނަތީޖާއަކީ، ތަނެއްގައި ހުރެ ބިމަށް ބަލާލުމުން، އެއްވެސް ވަރަކަށް އެ ބިން (ދުނިޔެ) ދަތުރު ކުރާކަމެއް އިހުސާސް ނުކުރެވުނަސް، ކޮންމެ ދުވަހަކު އެއްފަހަރު ދުނިޔެ އޭގެ ދުނި މަތީ ބުރެއް ޖަހާތީ، އީކުއޭޓަރު ކައިރީ (ރާއްޖޭގައި) ތިބި އެންމެންވެސް ގަޑިއަކު 1660 ކިލޯމީޓަރު ބާރުމިނުގައި ދަތުރު ކުރަމުންދެއެވެ. އޭގެ އިތުރުން، އިރުގެ ވަށާ އަހަރަކު އެއް ފަހަރު ދުނިޔެ ބުރެއް ޖަހާ އިރު، އޭގެ ސްޕީޑަކީ ގަޑިއަކު 107000 (އެއްލައްކަ ހަތް ހާސް) ކިލޯމީޓަރެވެ. ވިމާ ނިއުޓަން ގެ ސައިންސް ފާހަގަ ކޮށްފައިވަނީ ވަރަށް ރަނގަޅު ނުކުތާއެކެވެ.

އައިންސްޓައިންގެ އިންގިލާބު

ނިއުޓަން ގެ ސައިންސް ދުނިޔޭގައި ގާއިމުވިތާ 200 އެތައް އަހަރެއް ފަހުން، ޖަރުމަނުވިލާތަށް އުފަންވި ސައިންޓިސްޓް އަލްބަރޓް އައިންސްޓައިން، އޭނާގެ މަޝްހޫރު ދެ ތިޔަރީ ("ސްޕެޝަލް ތިޔަރީ އޮފް ރިލޭޓިވިޓީ" އާއި "ޖެނެރަލް ތިޔަރީ އޮފް ރިލޭޓިވިޓީ") ނެރެއްވުމާ ގުޅިގެން، ފިޒިކްސް ގެ ސައިންސް އަށް ވަރަށް ބޮޑު އިންގިލާބެއް އައެވެ. އައިންސްޓައިން ގެ ތިޔަރީތައް މިހާރުވަނީ ސާބިތު ކުރެވިފައެވެ. އައިންސްޓައިން ހާމަކުރެއްވި ގޮތުގައި، އަލި ދަތުރު ކުރާ ސްޕީޑާ ގާތްކުރާ ސްޕީޑްތައް ފިޔަވައި އެހެން ހުރިހާ ސްޕީޑްތަކެއް ނިއުޓަން އާއި ގަލިލެއޯ ގެ ސައިންސް އަށް ތަބާ ވެއެވެ.

ނިއުޓަން ގެ ސައިންސްއިން ބުނާ ގޮތުން ހުއްޓި ހުރި މީހަކު ޓޯޗުބައްތިއެއް ދިއްލުމުން އެއިން ނުކުންނަ އަލި ދަތުރު ކުރަނީ ގަޑިއަކު 300000000 (ތިން މިލިއަން) ކިލޯމީޓަރަށެވެ. ނަމަވެސް މި ސްޕީޑާ ގާތްކުރާ ސްޕީޑެއްގައި ފަޒާގައި ދަތުރު ކުރަމުން ދާ އުޅަނދެއްގައި އިން މީހަކު ޓޯޗުބައްތިން އަލި ކޮށްފި ނަމަ، ދުރުގައި ބަލަން ހުރި މީހަކަށް އިހުސާސް ވާނީ އެ އަލީގެ ސްޕީޑަކީ އެ އުޅަނދުގެ ސްޕީޑުގެ މައްޗަށް 3 މިލިއަން އެއް ކުރުމުން ލިބޭ އަދަދުކަމަށެވެ. އެގޮތުން، އެ އުޅަނދު ދަތުރުކުރާ ސްޕީޑަކީ ގަޑިއަކު 1.5 މިލިއަން ކިލޯމީޓަރު ނަމަ، ޓޯޗުބައްތިން ނުކުންނަ އަލީގެ ސްޕީޑް ކަމަށް، ދުރުގައި ބަލަން ހުރި މީހާއަށް އިހުސާސް ކުރެވޭނީ 4.5 މިލިއަން ކަމަށެވެ. އެއީ އުޅަނދުގެ ދުވެލީގެ މައްޗަށް އަލީގެ ދުވެލި އެއް ކުރުމުންނެވެ.

ނަމަވެސް އައިންސްޓައިންގެ އިންގިލާބުގައި ބުނަނީ އަލީގެ ސްޕީޑަކީ ކޮންމެ ހާލަތެއްގައި ހުރި މީހަކު މިނޫނަސް ގަޑިއަކު 3 މިލިއަން ކިލޯމީޓަރު ކަމަށެވެ. އެގޮތުން، އެ އުޅަނދުގައި އިން މިހާއަށާއި ދުރުގައި ހުރި މީހާއަށްވެސް އަލީގެ ސްޕީޑު ކަމުގައި އިހުސާސްވާނީ އެކައްޗެއް ކަމަށެވެ. މިއީ ގަލިލެއޯ އާއި ނިއުޓަން ގެ ހޯއްދެވުންތަކަށް ޖެހޭ ބޮޑު ގޮންޖެހުމެކެވެ. އެހެންވެ، އައިންސްޓައިންގެ ބުނުންތައް އެދުވަސްވަރު ގަބޫލުކުރީ ވަރަށް މަދު ސައިންޓިސްޓުންނެކެވެ.

ގަބޫލުކުރަން ދަތިވާ ސަބަބަކީ، ވަރަށް ސާފުކޮށް ފެންނަން އޮތް ހިސާބުގެ އަދަދުތަކެއް އެއް ކުރުމުން ނުކުންނަ ނަތީޖާ ގޯސްކަމަށް ބުނާތީއެވެ. އުޅަނދުގެ ސްޕީޑާއި އަލީގެ ސްޕީޑާ އެއް ކުރުމުން ޖުމުލައަށް ވާ 4.5 މިލިއަން އަކީ އައިންސްޓައިން ބުނާ ގޮތުން ރަނގަޅު އަދަދެއް ނޫނެވެ. އެއާ ހިލާފަށް އެ އަދަދަކީ ހަމަ 3 މިލިއަންކަމަށް އައިންސްޓައިން ބުނެއެވެ.

މިއީ ކިހިނެއް ވާނެ ކަމެއް ބާވައެވެ؟

މި ސުވާލަށް ޖަވާބު ހޯދުމަށް ޖެހޭނީ ފިޔަވަޅު ތަކެއް ފަހަތަށް ޖެހިލާށެވެ. އެއީ ސްޕީޑު ބަލާ ގޮތަށް ބަލާލުމަށެވެ. ސްޕީޑަކީ ވަކި ވަގުތެއްގައި އެއްޗެއް ދަތުރު ކުރާ ދުރުމިނެވެ. ގަޑިއަކު 3 މިލިއަން ކިލޯމީޓަރުގެ ދުވެއްޔަކީ 1 ގަޑި އިރު ތެރޭ އެއްޗެއް 3 މިލިއަން ކިލޯމީޓަރަށް ދަތުރު ކުރުމެވެ. ކިލޯމާޓަރަކީ ކޮންމެ މީހަކު މެ، ކޮންމެ ތަނަކު މެ، ކޮންމެ ހާލަތެއްގައިވެސް މިންއަޅައިފިނަމަ، އެއް ނަތީޖާއެއް ނުކުންނާނެ ދުރު މިނެކެވެ. ވީމާ އައިންސްޓައިން އެބުނި ގޮތަށް ދެ އެއްޗެއްގެ ސްޕީޑް އެއް ކުރުމުންވެސް 3 މިލައަނަށް ވުރެ އިތުރު ނުވާނީ އައިންސްޓައިން ބުނިގޮތުގައި ހަމައެކަނި އެންމެ ގޮތަކުންނެވެ.

އެއީ އެ ސްޕީޑް ބަލާ މީހާއަށް އިހުސާސް ކުރެވޭ ވަގުތު "ދައުރުވާ މިންވަރު" ތަފާތު ވެގެންނެވެ.

އޭގެ މާނައަކީ، އުޅަނދުގައި އިން މީހާއަށް އިހުސާސް ކުރެވޭ ވަގުތު ފާއިތުވާން ޖެހޭނީ ދުރުގައި ހުރި މީހާއަށް ވުރެ ލަހުންނެވެ.

އާނއެކެވެ! އައިންސްޓައިން އެބުނެފައިވާ ވާހަކަތައް، 20ވަނަ ގަރުނުގެ މެދުތެރޭ ރޮކެޓާއި "އެޓޮމިކް ކްލޮކް" އީޖާދު ކުރުމަށް ފަހު، ހިންގި ދިރާސާތަކުން، މިހާރުވަނީ ސާބިތު ކުރެވިފައެވެ.

އެހެންކަމުން މިހާރު އެނގޭ ކަމަކީ، ވަގުތަކީ ވެސް އެކި ހާލަތުގައިވާ މީހުނަށް ތަފާތު ދެ ވަރަކަށް ދައުރުވާ އެއްޗެއްކަމެވެ.

އައިންސްޓައިންގެ މި ބުނުން ދޭހަކޮށްދޭ މަޝްހޫރު މިސާލެއްވެއެވެ. އެއީ ނިބޫ ދެބެންގެ މިސާލެވެ. އެ ދެބެންގެ އުމުރުން 20 އަހަރުގައި އެތަނުން އެކަކު ރޮކެޓެއްގައި އެންމެ ކައިރީގައިވާ ތަރިއަށް ދަތުރު ފަށައެވެ. އެންމެ ކައިރީގާ ވާ ތަރިއަކީ އަލި ދަތުރު ކުރާ އަހަރުގެ 4 އަހަރު ދުރުގައި އޮންނަ ތަރިއެކެވެ. މާނައަކީ، ދުނިޔޭގައި ހުރެ ބަލާލުމުން، އެ ފެންނަނީ އެ ތަރި މީގެ 4 އަހަރު ކުރިން އޮތް ގޮތެވެ.

ކޮންމެއަކަސް އަލި ދަތުރު ކުރާ ސްޕީޑުގައި އެ ރޮކެޓު ދަތުރު ކުރުމަށް ފަހު، އެ ތަރިއާ ހަމައަށް ދެވުމުން، އެނބުރި ދުނިޔެއަށް އަންނަނީއެވެ. ރޮކެޓް ދާ ތަން ބަލަން ދުނިޔޭގައި ހުރި ބެއަށް ދޭހަވާނީ އެ ރޮކެޓު ފުރަތަމަ ހަތަރު އަހަރު ވަންދެން ދުރަށް ދާ ކަމެވެ. އަދި އަނެއް ހަތަރު އަހަރު ތެރޭ އެނބުރި އަންނަ ކަމެވެ. ޖުމުލަ 8 އަހަރު ފާއިތުވެއެވެ. އެނާގެ އުމުރުން 28 އަހަރު ވާ އިރުއެވެ.

ނިއުޓަން ގެ ސައިންސްގައި ވާ ގޮތުން، ރޮކެޓްގައި ދިޔަ މީހާއަށް ވެސް އުމުރުން މިހާރު ވާންޖެހޭނީ 28 އަހަރެވެ. ނަމަވެސް އައިންސްޓައިންގެ ސައިންސް ބުނާ ގޮތުން އެނާގެ އުމުރަށް އެންމެ ސިކުންތެއްވެސް އިތުރެއް ނުވާނެއެވެ! އޭނާގެ އުމުރަކީ ހަމަ 20 އަހަރެވެ. އެހެނީ އޭނާ އަށް "ވަގުތު" އޮތީ ހުއްޓިފައި ކަމުންނެވެ. އެ ރޮކެޓުގައި ހުރި ގަޑިތަކުންވެސް މިކަން ދޭހަ ވާނެއެވެ.

ވޮޔޭޖަރ 1

ނަމަވެސް ދުނިޔޭގައި މިހާތަނަށް އިންސާނުން އުފައްދާފައިވާ އެއްވެސް އުޅަނދަކީ އަލި ދަތުރުކުރާ ސްޕީޑާ އެއްވެސް ވަރަކަށް ގާތް ކުރާ ސްޕީޑަކަށް ނުވާތީ، އެފަދަ ބަދަލެއް ވަގުތަށް އަންނަކަން އިހުސާސެއް ނުކުރެވޭނެއެވެ. މިހާތަނަށް އިންސާނުން އުފެއްދި އެއްޗެއްގެ އެންމެ ބާރު ދުވެއްޔަކީ ގަޑިއަކު 61000 ކިލޯމީޓަރެވެ. އެއީ 1977 ގައި އުދުއްސާލި ސްޕޭސްކްރާފްޓް "ވޮޔޭޖަރ 1" އެވެ. އެ އުޅަނދު މިހާރުވަނީ މި ސޯލާ ސިސްޓަމުން ބޭރަށް ނުކުމެ، ދުނިޔެއާ 22.3 ބިލިއަން (22300000000) ކިލޯމީޓަރު ދުރުގައެވެ.

ކީރިތި ޤުރްއާން އާއި އިސްލާމް ދީން

އިސްލާމްދީނުގައި އަންގަވާފައިވާ އެއްވެސް ކަމަކީ ސައިންސް އިން ދޮގުކުރެވޭނެ ކަމެއް ނޫނެވެ. ހަމަ އެފަދައިން، ސައިންސް އިން ސާބިތުވާ އެއްވެސް އެއްޗެއް އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތާ ހިލާފެއް ނުވާނެއެވެ. އެހެނީ، ސައިންސް އިން ހޯދަމުން އެދަނީ ކާއިނާތުގައި ކަންކަން ލައްވަވާފައިވާ ގޮތެވެ. ވީމާ، ކާއިނާތް ހެއްދެވި ފަރާތުން އެންގެވި ގޮތްތައް، ކާއިނާތް ހިނގާ ގޮތާ ހިލާފެއް ނުވާނެވެ. މިހާތަނަށް ސައިންސް އިން ސާބިތުވެފައިވާ އެއްވެސް ކަމަކީ އިސްލާމް ދީނުގައި އަންގަވާފައިވާ ކަންކަމާ ހިލާފު ވެފައިވާ ކަމެއް ނޫނެވެ.

"ސާބިތު" ވެފައި ވުމަކީ އެންމެން ގަބޫލުކުރާ، ނުވަތަ އެއާ ދެކޮޅަށް ގަރީނާއެއް ނުފެންނަ "ތިޔަރީ" އަކަށް ވުމެއްނޫނެވެ. ސާބިތު ވުމަކީ، ސައިންސް ގަބޫލުކުރާ ފެންވަރަށް "ޕްރޫވް" ކުރެވި، "ރިޕީޓް" ކުރެވޭނެ ފެންވަރަށް އެކަމެއްގެ ދިރާސާ ހިންގިފައިވުމެވެ. (އަންގަވާފައިވާ ގޮތާ ހިލާފަށް ބައެއް ކަންކަން "ސާބިތު" ވެއްޖެ ކަމަށް ބެލިކަމުގައިވިޔަސް، ފަހުން އިތުރު ހެކިތައް ފެނުމުން، އެ ސާބިތު ވި ވުން ނަފީވެދެއެވެ. އެހެނީ އިންސާނުންގެ އިލުމާއި ޙިލްމާ އަދި އެ މީހުންނަށް ލިބިފައިވާ ވަސީލަތްތަކުގެ މަޙްދޫދުކަމުން، ނުވަތަ ވަކި ވަރަކަށް ލިބިފައިވުމުން، އެ މީހުން އެކުރާ ތަޖުރިބާތަކަކީ އެ ވަގުތަށް ލިބިފައިވާ މާހައުލާއި އާލާތްތަކުގެ ގާބިލުކަމާއި ކުޅަދާނަކަމުގެ ނިސްބަތަށް ނުކުންނަ ނަތީޖާކަމަށް ވުމުން ރިޕީޓުކޮށް ނަތީޖާ އެއްގޮތް ވުމާއި ނުވުމަކީވެސް އެކަށީގެންވާ ކަމެއްކަމުންނެވެ.)

އައިންސްޓައިންގެ މި ހޯދުމަކީވެސް އިސްލާމް ދީނުގައިވާ "ޣަޒަލުގައި ދެނެވޮޑިގެން ވުމަށް" ތާއީދުކުރާ ކަމެކެވެ. އެހެނީ އައިންސްޓައިން އެ ދައްކުވައިދިނީ ވަގުތަކީ ވެސް ފެށުމެއްވާ އެއްޗެއް ކަމެވެ. އަދި ވަގުތަކީ ވެސް ކާއިނާތް އުފެއްދެވި އިރު އުފައްދަވާފައިވާ އެއްޗެއް ކަމެވެ. އަދި އިސްލާމް ދީނުގައިވާ ބައެއް އެހެން މިސާލުތަކުގައި ވެސް (މިސާލަކަށް ގިޔާމަތްދުވަހުގެ "ދިގުމިން")، ވަގުތު ފާއިތުވާ ގޮތް އެކި ހާލަތުގައި ތަފާތުވާނެ ކަމީ، ސައިންސް އިން ވެސް ގަބޫލުކުރާ ގޮތް ކަމެވެ.

އެހެންކަމުން، ވަގުތަކީ ވެސް "އިތުރު" ކުރެވިދާނެ އެއްޗެކެވެ. އެހެނީ މަތީގައިވާ ނިބޫ ދެބެންގެ ތެރެއިން ތަރިޔަށް ދިޔަ ބޭގެ އުމުރު ވަނީ އަށް އަހަރަށް ހުއްޓިފައެވެ. އެހެންކަމުން، އޭނާ ދުނިޔެއަށް އެނބުރި އަންނަ އިރު އޭނާގެ އުމުރަކީ 20 އަހަރު ކަމުން، އޭނާ އަށް އިތުރު އަށް އަހަރުގެ ވަގުތެއް ލިބުނީ ކަމަށް ބުނެވިދާނެއެވެ. (އެކަމަކު އެ އަށް އަހަރު އެއީ އޭނާގެ އުމުރަށް ހަގީގަތުގައި ވެސް އިތުރުވި ބައެއްތޯ ނުވަތަ ގެއްލުނު ބައެއްތޯ، އެއީ ވަރަށް ދިގުކޮށް ފަލްސަފާގެ ބަހުސެއް ކުރެވިދާނެ ކަމެކެވެ.)

ވީމާ، ދުނިޔާގައިވާ އެންމެހައި އެއްޗަކީ، އެ އެއްޗެއް މިނެކިރޭ ނަމަ، އެ އެއްޗެއް ހުރި މިންވަރު އިތުރު ކުރެވިދާ ތަކެތި ކަމުގައި ބުނާ ބުނުމަކީ ހަމަ ރަނގަޅު ހަގީގަތެކެވެ.ާ