ރ. އަތޮޅުގައި ސަރުކާރުން އެޅުމަށްހަމަޖެހިފައިވަ ދެވަނަ އެއަރޕޯޓު އަޅާނީ އެ އަތޮޅު ބެރިޔަންފަރުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މިއީ ވައިގެ މަގުން ރާއްޖެ ގުޅައިލުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެތެރެއިން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މަޝްރޫޢެކެވެ.

ގަންއިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢޫ ފަށްޓަވައި ދެއްވަމުން ރައީސް އިއްޔެ ވިދާޅުވީ "މިއަދު އަޅުގަނޑުމެން ކުރަމުން މިގެންދާ ކޮންމެ ކަމަކީ، ދެމެހެއްޓެނިވި ގޮތަށް މި ދިވެހިރާއްޖެ ތަރައްޤީ ކުރުމަށް ކުރާ މަސައްކަތްތަކެއް،" ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތްތަކަކީ އަންނަން އޮތް ޖީލުތަކަށް އެކަށޭނަ، އުފާފާގަތި ދިރިއުޅުމެއް ލިއްބައިދިނުމަށް ކުރާ ސަރުކާރުން ކުރައްވާ މަސައްކަތްތަކެއް ކަމަށެވެ.

"ހިފަހައްޓަންޖެހޭ ތަނެއްގައި ނޭވާ ހިފަހައްޓާފައި ނަމަވެސް، މިވަގުތު މި މަސައްކަތްތައް މުޅި ރާއްޖޭގައި ކުރުމުން، އޭގެ މަންފާ، އަންނަން އޮތް ޖީލުތަކަށް ފޯރާނެ. ހަމަހަމަ ޙައްޤުތަކާއި، މިންހަމަ، އުފާވެރި ދިރިއުޅުން، ކޮންމެ ދިވެހި ރައްޔިތަކަށް މާދަމާ ލިބޭނީ، މިއަދު މިކުރާ މަސައްކަތް މިގޮތަށް ކޮށްގެން،" ރައީސް ވިދާޅުވިއެވެ.