ޗާގޯސް މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި ޖަލްސާ މެދު ކަނޑާލައިފިއެވެ.

ބަންޑާރަ ނައިބުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ރާއްޖެއާއި މޮރީޝަސްއާ ދެމެދު ފުށުއަރާފައިވާ ކަނޑުގެ ސަރަަހައްދު "ވިއްކާލީ" ކަމަށް ތުހުމަތުކުރައްވާ މަޖިލީހުގެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިއްތިހާދުންނެެވެ.

އެ މައްސަލައިގައި ރިފްއަތު މީގެ ކުރިން ޖަވާބުދާރީ ވެފައިވަނީ ލިޔުމުންނެވެ. ނަމަވެސް އެ ދުވަހު މައްސަލަ ކުރިއަށް ނުގެންދެވުމުން އޭޖީ ވަނީ މަޖިލީހަށް ވަޑައިގެން ޖަވާބުދާރީ ވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަން ރިފްއަތު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން އިންނެވިއިރު، ޖަލްސާ ފެށުމާ އެކު، ޕީޕީއެމްގެ ތިން މެމްބަރުންކަމަށްވާ، ނައިފަރު ދާއިރާގެ އަހުމަދު ޝިޔާމާއި ފެލިދޫ ދާއިރާގެ އިބްރާހިމް ފަޒުލް ރަޝީދާއި ހުސެއިން މުހައްމަދު ލަތީފް ވަނީ ރިޔާސަތުގެ ކުރިމައްޗަށް އެއްވެ، އިހުތިޖާޖު ކުރަން ފެއްޓެވީއެވެ.

އެތައް ފަހަރަކު މެންބަރުންނަށް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ރިޔާސަތުގައި އިންނަވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނަސޭހަތްތެރިވެފައެވެ.

"މެންބަރުންގެ ތި ކަންބޮޑުވުންތަކަށް ޖަވާބު ލިބޭނެ މައްސަލަ ފެށުމާ އެކު. ބަންޑާރަ ނައިބު އޭނީ މިއަދު އެހެންވެ މަޖިލީހަށް ހާޒިރުވެވަޑައިގެން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހުގައި ފެށުމަށް ފުރުސަތު ދެއްވަން އެކި ފަހަރު މަތިން ރިޔާސަތުން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތަސް އިދިކޮޅުން އެ ފުތުސަތެއް ނުދިނެވެ. އެކަމަކު، ވަކި ހިސާބަކުން ނަޝީދު ނިންމެވީ މައްސަލަ ފެށޭ ގޮތް ނުވުމުން ޕާލަމެންޓްރީ ގުރޫޕްތަކުގެ ލީޑަރުންގެ މަޝްވަރާ އަށް ޖަލްސާ މެދުކަނޑާލާށެވެ.

ޚިޔާލު ތަފާތުންވުން އުފެދުނީ އެމްޑީޕީ ފިޔަވާ މަޖިލީހުގައި ދެން ހިމެނޭ ޕާޓީތަކުން ބަންޑާރަ ނައިބަށް ލިޔުމުން ޖަވާބުދާރީވެޑައި ނުގެންނެވޭނަކަމަށް ބުނުމުންނެވެ. އެމްޑީޕީގެ މެމްބަރުން ވިދާޅުވަމުން ގެންދެވީ ގާނޫނު އަސާސީގައި "އަނގަބަހުންނާއި ލިޔުމުން" ދިފާއުވުމުގެ ހައްގު އެ ވަޒީރަކަށް ލިބިވަޑައިގަންނަވާކަމަށެވެ.

މަޖިލީހުގެ ރައީސް އެދުވަހު ނިންމެވީ މިކަމުގައި ސުޕްރީމްކޯޓުގެ އިސްތިޝާރީ ލަފައެއް ހޯއްދެވުމަށެވެ.

އެކަމާއި ގުޅިގެން ބަންޑާރަ ނާއިބު އޭގެ ފަހުން މަޖިލީހަށް ފޮނުއްވެވި ސިޓީފުޅުގައި ވަނީ އިތުބާރު ނެތްކަމުގެ މައްސަލާގައި ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމަށް ނިންމެވީ، އެމައްސަލަ ތަފްސީލީގޮތެއްގައި ރައްޔިތުންނަށް ޙާމަކޮށްދެއްވުމުގެ ގޮތުންކަމަށެވެ. އަދި މަޖިލީހަށް ޙާޒިރުވެވަޑައިގެން ޖަވާބުދެއްވުމަށް ތައްޔާރަށް ހުންނެވިކަންވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅުއްވާފައިވަނީ، ރާއްޖެއާއި މޮރީޝަސްއާއި ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައެވެ. މި މައްސަލަ ހުށައެޅުއްވީ އިދިކޮޅު ޕީޕީއެމް، ޕީއެންސީއާއި، ޖުމްހޫރީ ޕާޓީއާއި، އެމްއެންޕީ އަދި ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުންނެވެ.