އާބަންކޯއާ ހަވާލުކޮށްގެން ނިންމަން ހަމަޖެހިފައިވާ ހިންމަފުށީގެ ޖަލުގެ މަސައްކަތް އާބަންކޯއިން ނިންމާލައިފިއެވެ. އާބަންކޯއިން ކުރިއަށް ގެންދިޔަ މި މަޝްރޫއު އަކީ މާލެ ޖަލު ހިންމަފުށްޓަށް ބަދަލު ކުރުމުގެ ދަށުން އާބަންކޯގެ ކޮމިއުނިޓީ ރެޕިޑް ރެސްޕޮންސް (ސީއާރްއާރް) ޓީމު ކުރިއަށް ގެންދިޔަަ މަޝްރޫއު އެކެވެ.

ސަރުކާރުން ވަނީ މާލެ ޖަލު ހުރި ސަރަހައްދުގައި ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތް ހަދައި ނިމެން ގާތްވެފައިވާތީ، އެތަނުގައި ދަރިވަރުންނަށް ކިޔަވައި ދޭން ފަށަންވާ އިރަށް ޖަލު އެ ސަރަހައްދުން ބަދަލު ކުރުމަށް ނިންމާފައެވެ.

އާބަންކޯއިން އިމާރާތްކޮށްފައިވަނީ ކުރިން ހިންމަފުށީގައި ބޭނުންކޮށް ބާވެފައިވާ އިމާރާތެކެވެ. މިހާރު އެ އިމާރާތަކީ ހަ ބްލޮކްގެ އިމާރާތެކެވެ. އާބަންކޯ އިން ބުނީ ޖާގައިގެ ގޮތުން މީގެ ކޮންމެ ބްލޮކެއްގައި ގާތްގަނޑަކަށް 16 ގައިދީންނަށް ތިބެވޭނެ ކަމަށެވެ. އަދި ގައިދީން ބޭނުންކުރުމަށް 12 ފާހަނައިގެ ފާހަނަ ބަރިއެއް އެތަނުގައި އިމާރާތް ކޮށްފައިވާ ކަމަށެވެ.

އަދި މައި އިމާރާތުގެ އޮނިގަނޑާއި، ކަރަންޓުގެ މަސައްކަތާއި، މަރާމާތަށް ބޭނުންވާ ހުރިހާ ކަމެއް އާބަންކޯ އިންވަނީ ކޮށްފައެވެ. މަސައްކަތް ނިންމާލުމަށްފަހު އާބަންކޯއިންވަނީ އެ އިމާރަތް ކަރެކްޝަންސްއާ ހަވާލު ކޮށްފައެވެ.

އާބަންކޯގެ މައިގަނޑު މަސައްކަތުގެ ތެރޭގައި ހުޅުމާލެއަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ. ނަމަވެސް އާބަންކޯގެ ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން އެ ކުންފުނިން އަންނަނީ އާންމު މުޖުތަމައަށް ބޭނުންވާ އެހެނިހެން ބައެެއް މަސައްކަތްތައް ވެސް ކުރަމުންނެވެ. އެގޮތުން ހިންމަފުށީ ޖަލުގެ މަސައްކަތަކީ ވެސް ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން ކުރެވުނު މަސައްކަތެއް ކަމަށްވެސް އާބަންކޯ އިން ބުންޏެވެ.