2022-2021 ވަނަ އަހަރު، މ. މުލަކު ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ޔަދާ ޔޫނުސް ހޯދައިފިއެވެ.

އެއްވަނަ ހޯދި ޔަދާ ވަނީ ސާނަވީ އިމްތިޙާނުގައި ހަ މާއްދާއިން އޭ ސްޓަރ، އެއް މާއްދާއިން އޭ ހޯދުމުގެ އިތުރުން އެއް ބީ ހޯދާފައެވެ. ޔަދާ ހިމެނުނީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ހަތަރު ވަނައިގައެވެ.

މީގެ އިތުރުން ޔަދާއަކީ 2021-2020 ވަނަ އަހަރު މުލަކު ސްކޫލުގެ ކެޕްޓަނެވެ. ކުޅިވަރާއި އިތުރު ހަރަކާތްތަކުގައި ވެސް ރަނގަޅު ނަމޫނާއެއް ދައްކަމުން އައި ޔަދާ ވަނީ ތައިލެންޑްގެ ޔުނިވާސިޓީއަކުން ކުރިއަށް ގެންދިޔަ އޮންލައިން ލީޑަރޝިޕް ކޯހެގައި ބައިވެފައެވެ. އަދި މ.ކޮޅުފުށީގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒް އެންޑް ޔޫތު ލީޑަރސް ނެޓްވޯކް (ވައިއެލްއެން) އިން ކުރިއަށް ގެންދިޔަ ޔޫތު ލީޑަރސް ފޯރަމްގައިވެސް ޔަދާ ވަނީ ބައިވެރިވެފައިވެއެވެ.

މުލަކު ސްކޫލުގެ އިބްރާހިމް ރަފީޢު މާލަމުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި އިނާމު ދިނުމުގެ ހަފްލާ ޝަރަފްވެރި ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު ޢަލީއެވެ. މީގެއިތުރުން ޚާއްޞަ މެހެމާންގެ ގޮތުގައި އެމް.އޯ.އީ ސެންޓްރަލް ޒޯންގެ ކޯޑިނޭޓަރ ޒީނާ ޢަބްދުލް ޤަފޫރުވެސް ބައިވެރިވެވަޑައިގަތެވެ.

މުލަކު ސްކޫލަކީ ކިޔެވުމުގައި އެކިއެކި ރޮނގުތަކުން ކާމިޔާބު ހޯދަމުން އަންނަ ކިޔަވަން މޮޅު، އުފެއްދުންތެރި އަދި ޤާބިލު ދަރިވަރުން ތަކެއް ކިޔަވަމުން އަންނަ ސްކޫލެކެވެ. އެ ސްކޫލުގައި ސާނަވީ އަށް 83 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.