އެސްޓީއޯއިން ގެދޮރުވެރިންނަށް ހާއްސަކޮށްގެން، މީގެ ދެއަަހަރު ކުރިން ކުރިޔަށްގެންދަން ފެށި "މަގޭހިޔާ" ޕްރޮމޯޝަން މިއަހަރުވެސް ކުރިއަށް ގެންދަން ފަށައިފިއެވެ.

ސަރުކާރު އަދި އަމިއްލަ ފަރާތްތަކުން ކުރިޔަށްގެންދާ އެކި ހައުސިންގ މަޝްރޫއުގެ ދަށުން ގެދޮރު ލިބޭ މީހުންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ، މި އަހަރުގެ "މަގޭހިޔާ" ޕްރޮމޯޝަން ފަށާފައިވަނީ ޖޫންމަހުގެ 1 ވަނަ ދުވަހުއެވެ.

ނިމިގެންދިޔަ ދެ އަހަރުވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައެވެ.

15000 ރުފިޔާ އިން ފެށިގެން 25000 ރުފިޔާއާ ދެމެދުގެ މުދަލުން 12 ޕަސެންޓުގެ ޑިސްކައުންޓެއް އަދި 25000 ރުފިޔާ އިން ފެށިގެން 35000އާ ދެމެދުގެ މުދަލުން 15 ޕަސެންޓު ޑިސްކައުންޓު މި ޕްރޮމޯޝަނުގައި ލިބޭނެއެވެ. އަދި 35000 ރުފިޔާއިން މަތީ ކޮންމެ މުދަލަކުން 18 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެއެވެ. މި ޕެކޭޖްތަކަށް ނަންތައް ކަނޑައަޅާފައިވަނީ "ރިހި"، "ރަން" އަދި "ހުދުރަން" މި ތިން ނަމުގައެވެ.

މި ޕްރޮމޯޝަންގައި ހިމެނޭ އައިޓަމްތަކަށް ހޭދަކުރާ ކޮންމެ 5000 ރުފިޔާއަކަށް ކޫޕަނެއް ލިބިގެން ދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

"މަގޭ ހިޔާ" ޕްރޮމޯޝަނުގެ ތަފާތު އަދި ހާއްސަ ކަމަކީ، އެހެން ޕްރޮމޯޝަންތަކާ ހިލާފަށް މޯލްޑިވްސް އިސްލާމިކް ބޭންކް، ބީއެމްއެލް އިސްލާމިކް އަދި އެމްއެފްއެލްސީއާއި, އެސްޓީއޯ ކްރެޑިޓް ސްކީމު މެދުވެރިކޮށް މުދާ ނަންގަވާ ފަރާތްތަކަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭ ގޮތަށް ހަމަޖެހިފައި ވުމެވެ.

ކަސްޓަމަރުންނަށް ލިބިފައިވާ ފުލެޓްގެ މައުލޫމާތު އަދި އައިޑީ ކާޑު، މި ޕްރޮމޯޝަނުގައި ބޭނުންވާނެއެވެ.