ހިންގުމުގެ ހުއްދަ ބާތިލުކޮށް ނިއުޕޯޓްވިއު ހުސްކުރަން އަންގައިފި

0
ޙިދުމަތްދޭންފެށިތާ ގިނަދުވަހެއް ނުވެ ތަންހުސްކުރަން ވަނީ އަންގާފައި

ލޮނުޒިޔާރާތްކޮޅުގައި ދާދިފަހުން ޚިދުމަތްދޭން ފެށި ނިއުޕޯޓް ވިއު ރެސްޓޯރެންޓް ހުރި ބިން ހުސްކުރަން އަންގައި، އެތަނުން ޚިދުމަތް ދިނުމުގެ ހުއްދަ އިއްޔެއިން ފެށިގެން ބާޠިލުކޮށްފިއެވެ.

ނިއުޕޯޓް ވިއު ރެސްޓޯރެންޓް ހުރި ބިން ހުސްކުރުމަށް 30 ދުވަހުގެ މުހުލަތެއް ޕްލޭނިންގް މިނިސްޓްރީއިން ވަނީ ދީފައެވެ. އަދި އެކަން އިއްޔެ ނިއުޕޯޓް ހިންގާ ކުންފުންޏަށް އަންގައި ނޯޓިސްވެސް ވަނީ ހަވާލުކޮށްފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވީ، ނިއުޕޯޓް ވިއު ރެސްޓޯރެންޓް ސަރަހައްދު އެއްކޮށް ހުސްކުރުމަށް 30 ދުވަހުގެ މުހުލަތެއް ދީފައިވަނީ ސަރުކާރުން ރާވާފައިވާގޮތަށް ލޮނުޒިޔާރަތްކޮޅު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށްކަމަށެވެ. އެގޮތުން ނިއުޕޯޓް ވިއު ހިންގުމުގެ ހުއްދަ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ބާތިލުކޮށް އެ ސަރަހައްދު ހުސްކުރުމަށް އަންގާ ނޯޓިސް ދީފައިވާކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވިއެވެ. އެ މިނިސްޓްރީން ވިދާޅުވީ އެ ބިން ހުސްކުރުމަށް 30 ދުވަސް ދިން ނަމަވެސް މި މުއްދަތުގައި އެ ރެސްޓޯރެންޓުން ޚިދުމަތް ނުދެވޭނެކަމަށެވެ.

Advertisement

ސިނަމާލެ ބުރިޖު އެޅުމަށް ބަންދުކުރި ލޮނުޒިޔާރަތްކޮޅު ތަރައްޤީކުރާގޮތާ ބެހޭގޮތުން މަޢުލޫމާތުދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ އެ ސަރަހައްދު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެންމެންނަށް ބޭނުންކުރެވޭގޮތަށް ގަސްއިންދައި ގޮނޑުދޮށެއްފަދަ ގޮތަށްކަށްކަމަށެވެ.

ނިއު ޕޯޓް ހިންގާ ސްޓާރާޑާ ކުންފުންޏަށް ލޮނުޒިޔާރަތްކޮޅު ބްރިޖް ސަރަހައްދުން ބިން ދޫކޮށްފައިވަނީ ކުރީގެ ސަރުކާރުގައެވެ. ނިއު ޕޯޓް ހިންގާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރުކަންވެސް ދާދި ފަހަކާ ޖެހެންދެން ކުރެއްވި އަދި ޔާމީންގެ ސަރުކާރު ދިފާއުކުރުމުގައި ވަރަށް އިސްކޮށް މަސައްކަތް ކުރި ޒާހިދު ރަމީޒުއެވެ.

Advertisements