ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން މިއަދު ނިންމައި ރަައްޔިތުންގެ މަޖިލީހަށް ވެއްދުމަށް ޕެޓިޝަންގައި ސޮއިކުރަން ފަށައިފިއެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖީލީހަށް ހުށަހެޅުމަށް ނިންމާފައިވަނީ މިއަދު ބޭއްވުނު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ 110 ވަނަ ބަދަލުވުމުގައި ބައިވެރިވި މެމްބަރުންގެ މެޖޯރިޓީންނެވެ.

މަޖިލީސް ހިނގާ ގޮތާ މެދު ހިތްހަމަނުޖެހި، އެމްޑީޕީގެ މެންބަރުން ނުރުހުން ފާޅުކުރާތާ އެތައް ދުވަހެއް ވެފައިވާއިރު، މިއަދު އެ ޕާޓީން ބޭއްވި ޕީޖީ ބައްދަލުވުމެއްގައި ވަނީ ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރަން ނިންމައިފައެވެ. އެހެންވެ، އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ބޭނުންވާ ސޮއި ހަމަކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

ޕީިޖީ ބައްދަލުވުމުގައި ބައިވެރިވި 41 މެންބަރުންގެ ތެރެއިން 36 މެންބަރުން ވޯޓް ދެއްވީ ނަޝީދުގެ އިތުބާރު ނެތް ކަމަށެވެ.

އެ މަނިކުފާނާ މެދު ހިތްހަމަނުޖެހުން ބޮޑުވެފައިވަނީ އިމުގެ މައްސަލައިގައި އިދިކޮޅު ޕާޓީތަކުން އެކުވައިލި އިއްތިހާދުން ހުށަހެޅި ބަންޑާރަނައިބު އިބްރާޙިމް ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޑުޖައްސާލަން މިއަދު ނަޝީދު ނިންމެވުމާ އެކުގައެވެ.

މަޖިލީހުގައި ނަޝީދާ ނުލައި އެމްޑީޕީގެ 55 މެންބަރުން ތިއްބަވައެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ފާސްކުރަން ބޭނުންވަނީ 43 މެންބަރުންގެ ވޯޓެވެ. އެހެންވެ، އެމްޑީޕީން ބޭނުން ވެއްޖެ ނަމަ، ނަޝީދު އެ މަގާމުން ވަކި ކުރެވޭނެއެވެ.