ވޯޓު ކަރުދާހުގައި ކުރަހައިފިނަމަ ވޯޓު ބާތިލުވާ އިސްލާހު ރައީސް ތަސްދީޤުކުރައްވައިފި

0
އިންތިހާބު ޤާތްވެފައި ވަނިކޮށް ޤާނޫނަށް ބަދަލުގެންނާތީ އީ.ސީ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

ވޯޓް ކަރުދާހުގައި ރަނގަޅު ފާހަގަ ފިޔަވާ އިތުރު ކުރެހުމެއް ކުރަހައިފިނަމަ ވޯޓު ބާޠިލުވާނެކަމަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ގެނައި އިޞްލާހް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރައްވައިފިއެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް މަޖިލީހުން ގެނައި އިޞްލާޙުގައި ބަޔާންކޮށްފައިވަނީ، ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު ބާތިލުވާނެ ކަމަށެވެ. މިއިޞްލާހަކީ އިދިކޮޅު ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށައެޅުއްވި އިޞްލާހެކެވެ. މިއިޞްލާޙު ފާސްކޮށްފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ، މިއިޞްލާޙު ތަސްދީޤްކުރެއްވުމާ ގުޅިގެން ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢުކުރައްވާފައެވެ. ރައީސް މިއިޞްލާޙު މިއަދު ތަސްދީޤްކުރައްވާފައި މިވަނީ، އިންތިޚާބު އިޢުލާންކުރުމަށްފަހު އިންތިޚާބާގުޅުންހުރި ޤާނޫނުތަކަށް އިޞްލާޙު ގެނެސްފިނަމަ ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭނެމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކުރައްވާފައިވަނިކޮށެވެ.

Advertisement

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވެފައިވަނީ، އިންތިޚާބު އިޢުލާންކުރުމަށްފަހު، އިންތިޚާބާ ގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތަކަށް ބަދަލުގެނައުން ހުއްޓަންޖެހޭކަމަށެވެ. އަކްރަމް ވަނީ އިންތިޚާބު ކައިރިވެފައިވަނިކޮށް މަޖިލީހަށް ހުށައެޅި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ހުށައެޅި އިޞްލާހު ފާސްކޮށްފިނަމަ އިންތިޚާބު ޚަރާބުވެދާނެކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށްގެނައި އިޞްލާޙު ރައީސް ތަސްދީޤްކުރެއްވުމާ ގުޅިގެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓް ކަރުދާހުގައި ރަނގަޅު ފާހަގަ ފިޔަވައި އިތުރު ފާހަގައެއް ޖަހައިފިނަމަ އެ ވޯޓެއް ބާޠިލުވާނެއެވެ.

Advertisements