ސްކޫލް ދަރިވަރުން ދިރިއުޅުމުގެ އެކި ކަންކަމަށް އަހުލުވެރިކުރުވައި ކުށުން ރައްކާތެރިކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތ. އަތޮޅު މަދަރުސާގެ ގްރޭޑް 6 ގެ ދަރިވަރުންނަށް "އެންގަރ މެނޭޖްމަންޓް" ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ މި ސެޝަންގައި، ރުޅިއަކީ ކޮބައިކަން، ރުޅި އަންނަން މެދުވެރިވެދާނެ ސަބަބުތައް، ރުޅި އަންނަ ހިނދު އަމަލުކުރާނެގޮތް އަދި ރުޅި އަންނަ ފަދަ ކަންކަމުން ދުރުހެލިވުމަށް ކުރެވިދާނެ ކަންތައްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، ރުޅީގެ ސަބަބުން ޖިސްމާނީ، ނަފްސާނީ އަދި ސިއްހީ ގޮތުން ކުރިމަތިވެދާނެ ނޭދެވޭ ކަންކަމާއި އެފަދަ ކަންކަމުން ރައްކާތެރިވާނެ ގޮތްތައް ބުނެދީފައިވާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި މި ސެޝަންގެ ތެރެއިން މައުލޫމާތުދިނުމުގެ ގްރޫޕް މަސައްކަތްތަކެއްވެސް ދަރިވަރުންގެ މެދުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

ތ. ގުރައިދޫ ޕޮލިސް ސްޓޭޝަނުން މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މި މަހު 6 ވަނަ ދުވަހުއެވެ.