ކުރިޔަށްއޮތް ރިޔާސީ އިންތިހާބުގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާ އެކު ކޯލިޝަން ނުހަދާނެ ކަން، ޖުމުހޫރީ ޕާޓީގެ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމް ރަސްމީކޮށް އަންގަވައިފި އެވެ. ގާސިމް، ރައީސް ސާލިހާއެކު ކޯލިޝަން ނުހަދާނެކަން ރަސްމީކޮށް ސިޓީފުޅަކުން އަންގަވައި ރޭގައި ވަނީ އެމްޑީޕީއާ ހަވާކޮށްފައެވެ.

ރައީސް ސާލިހު މިދިޔަ ފެބްރުއަރީ 19 ވަނަ ދުވަހު ވަނީ އެމަނިކުފާނާއެކު އިއްތިހާދުވެ ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރެއްވުމުގެ ދައުވަތު އޮނަރަބަލް ގާސިމް އިބްރާހިމަށް އަރުވާފައިވާ ސިޓީފުޅުގެ ޖަވާބު އިއްޔެ ގާސިމް ވަނީ ރަސްމީކޮށް އެމްޑީޕީއާ ހަވާލުކުރައްވާފައެވެ.

އެސިޓީގައި، ޖުމްހޫރީ ޕާޓިގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެޕާޓީގެ ކައުންސިލުން އެމަނިކުފާނު ހަމަޖައްސަވާފައިވާތީ އެނިންމުމާ އެއްގޮތަށް ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

"ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ނިންމުން ތަންފީޒުކުރުމުގައި އަޅުގަނޑު ސާބިތުވެ ހުރި ވާހަކަ ދެންނެވީމެވެ،" ޤާސިމްގެ ސިޓީފުޅުގައި ވިދާޅުވެފައި ވެއެވެ.

ރައީސް ސާލިހުގެ ޒައާމަތުގައި އުންމީދު ކުރިގޮތަށް ގިނަ ކަންތައްތައް ހިނގަމުން ނުދިޔުމާއި މި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން އަދި ކަންކަން ހިނގަމުންދާ ގޮތުން ޖުމްހޫރީ ޕާޓީން ވަކިން އިންތިހާބުގައި ވާދަކުރުމަށް ނިންމަވާފައިވާކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

ގާސިމްގެ މި ނިންމެވުން ރޭ އެމްޑީޕީއަށް އަންގާފައި ވާއިރު ގާސިމަށް ރިޔާސީ ޓިކެޓު ހަވާލުކުރުމުގެ ރަސްމިއްޔާތު މިރޭ ބާއްވަން ވަނީ ނިންމާފައެވެ.