ކޯޗް ޕެޕް ގާޑިއޯލާގެ މެންޗެސްޓަރ ސިޓީ މިސީޒަނުގައި އޮތީ 2003/04 ސީޒަނުގައި މެޗަކުން ބަލި ނުވެ އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދި އާސެނަލްގެ އިންވިންސިބަލްސް ޓީމާ އެއްފެންވަރުގައި ކަމަށް ޕެޓްރިކް ވިއެރާ ބުނެފި އެވެ.

އާސެނަލްގެ އިންވިންސިބަލްސް ޓީމުގެ ކެޕްޓަންކަން ކުރި ވިއޭރާ، މެންޗެސްޓަރ ސިޓީ އާއި ކޯޗް ޕެޕް ގާޑިއޯލާއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައި މިވަނީ ޔުއެފާ ޗެމްޕިއަންސް ލީގް ފައިނަލުގައި މާދަމާ ރޭ ރާއްޖޭ ގަޑިން ދަންވަރު 12:00 ގައި ސިޓީ އާއި އިންޓަމިލާން ބައްދަލު ކުރަން ހަމަޖެހިފައި ވަނިކޮށެވެ.

ސިޓީން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މިސީޒަނުގައި ހޯދީ ސީޒަނުގެ އެންމެފަހު 6 މެޗުގައި އާސެނަލް ފަހަތަށް ޖައްސާލައިގެންނެވެ. އިންޓަ ބަލިކުރެއްވިއްޖެނަމަ މިސީޒަނުގައި ސިޓީއަށް 3 ތަށި ކާމިޔާބު ކުރެވި، 1999 ވަނަ އަހަރު 3 ތަށި ކާމިޔާބު ކޮށްގެން މެންޗެސްޓަރ ޔުނައިޓެޑް އިނގިރޭސި ފުޓްބޯޅައިގައި ގާއިމްކޮށްފައިވާ ރެކޯޑާ އެއްވަރު ކުރެވުނީއެވެ.

ވިއެރާ ގަބޫލުކުރާ ގޮތުގައި ގާޑިއޯލާގެ ސިޓީ ޓީމުގެ ނަން ލިޔެވިގެންދާނީ އިނގިރޭސި ފުޓްބޯޅަ ތާރީހުގައި ވެސް އެންމެ މޮޅު އެއް ޓީމުގެ ގޮތުގަ އެވެ.

"ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެއްސީޒަނެއްގައި މެންޗެސްޓަރ ޔުނައިޓެޑުން ތިން ތަށި ކާމިޔާބުކޮށްގެން ގާއިމްކޮށްފައިވާ ރެކޯޑް އެއްވެސް ބަޔަކަށް މުގުރައެއް ނުލެވޭނެ. އެކަމަކު އެރެކޯޑާ އަރައިހަމަކުރަން ސިޓީ ވަަރަށް ކައިރިއަށް ޖެހިއްޖެ. ތިން ތަށި އެއްސީޒަނެއްގައި ކާމިޔާބު ކުރުން ޔުނައިޓެޑަށްވެސް އޭރު ގަބޫލެއް ނުކުރެވުނު. މިއީ ސިޓީއަށް ވެސް ގަބޫލު ނުކުރެވޭ ފަދަ ކާމިޔާބީއަކަށް ވާނެ. ސިޓީ އޮތީ އެންމެ މޮޅު ކުޅުންތެރިންނާ އެކު އެންމެ މަތީގައި،" އިވްނިން ސްޓޭންޑަޑަށް ވިއޭރާ ދިން ބަސްދީގަތުމެއްގައި ބުންޏެވެ.

"އަހަރެންނަށް ހީވަނީ އިންވިންސިބަލްސްއާވެސް އެއްދުވަހަކުން ސިޓީ އަރައި ހަމަކުރާނެހެން. ސިޓީ މިހާރު އެއޮތ 1999 ވަނަ އަހަރުގެ ޔުނައިޓެޑްގެ ތިންތަށި ކާމިޔާބު ކުރި ޓީމާއި އަހަރެންގެ އިންވިންސިބަލްސްއާ އެކު [އެންމެ މޮޅު އިނގިރޭސި ޓީމަކީ ކޮބައިތޯ ކުރެވޭ] ބަހުސްގައި" ވިއޭރާ ބުންޏެވެ.