ށ. މިލަންދޫގައި ކުރިއަށްދާ އަމާންވެށި ޕްރޮގްރާމްގެ ތެރެއިން އާއިލާތަކުގެ މެދުގައި ގުޅުންބަދަހިކޮށް އެކުވެރިކަން އާލާކުރުމަށް އާއިލީ ދުވުމެއް ބާއްވައިފިއެވެ.

ފުލުހުން ވިދާޅުވީ އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މި ދުވުމުގައި މިލަންދޫގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި އެރަށު ސްކޫލުގެ ދަރިވަރުންނާއި މުއައްސަސާތަކުން ވަނީ ބައިވެރިވެފައި ކަމަށެވެ. އަދި މި ދުވުން ކުރިއަށްދިޔަ ވަގުތު ކުޑަކުދިންނަށް ހާއްސަކޮށްގެން ރޮބޯ މޭންގެ ހަރަކާތްތަކާއި ކާޓޫން ކެރެކްޓަރ ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައިވައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން، މިލަންދޫގެ އާއިލާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ރައްޔިތުންނަކީ ގުޅިގެން އުޅޭ އަޚުވަންތަ ބަޔަކަށް ހެދުމަށް މި ދުވުމުގެ ތެރެއިން މަސައްކަތްކޮށްފައިވެއެވެ. އަދި އޯގަނައިޒޭޝަނަލް ކޮލަބަރޭޝަން އެންޑް ސޯޝަލް ހަރމަނީ ފޯރަމްގެ ބައިވެރިންނަށް ޓީމް ބިލްޑިންގ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ދިޔަ ހުކުރު ދުވަހު، ކުރިއަށް ގެންދިޔަ ޓީމް ބިލްޑިންގ ހަރަކާތުގައި، އޮފީސް މާހައުލުގައި މަސައްކަތްކުރާއި އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި، ޓީމެއް ގުޅިގެން މައްސަލަ ހައްލުކުރާނެ ގޮތާއި، ކްރިޓިކަލް ތިންކިންގ، މައިންޑް ގޭމްސް، އައިސް ބްރޭކް އަދި ކޮމިއުނިކޭޝަން ސްކިލް ފަދަ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އަމާންވެށި ޕްރޮގްރާމް ކުރިއަށް ގެންދަނީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި، މިލަންދޫ ޕޮލިސް ސްޓޭޝަނާއި، ފުލުހުންގެ އެކި ޑިޕާޓްމަންޓުތަކާއި، މިލަންދޫ ކައުންސިލާއި ރަށުގެ އެހެނިހެން އިދާރާތަކުގެ އިތުރުން ރަށުގެ ޖަމުއިއްޔާ ޖަމާއަތްތައް ގުޅިގެން ރައްޔިތުންގެ ބައިވެރިވުމާ އެކުގައެވެ.