ހޭންޑް ބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ޒެފްރޯލް އަދި އަންހެން ބައިގެ ޗެމްޕިއަންކަން ރެޑް ހޯކްސް ރޭ ހޯދައިފިއެވެ.

ޒެފްރޯލުން ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބުގެ މައްޗަށް 33-28 ޕޮއިންޓުން ކުރި ހޯދައިގެންނެވެ. ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިފައިނަލުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޒެފްރޯލްގެ އަބްދުﷲ ޒިޔާއުއެވެ.

ފިރިހެން ބައިގެ މޮޅު ހަތް ކުޅުންތެރިންނަކީ، ޒެފްރޯލްގެ ސެންޓަ ބެކް ޒިޔާއު، ޕިވޮޓް އަބްދުﷲ ޒަހުވާން އިމްތިޔާޒް، ލެފްޓް ބެކް މުހައްމަދު ފިރުނާޝް އަބްދުﷲ އަދި ގޯލްކީޕަރު މުހައްމަދު ރަމީޒް، ދިވެހި ސިފައިންގެ ކްލަބްގެ، ރައިޓް ވިންގް އަހުމަދު ނަސީރު އާއި ލެފްޓް ވިންގް މުހައްމަދު ޝަމާލް އަދި ވެލިދޫ ޔުނައިޓެޑްގެ މުހައްމަދު ޔަޝްމު އަހުމަދު އެވެ.

ހޭންޑް ބޯލް ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި ޒެފްރޯލް ޓީމް. ފޮޓޯ: އަދަދު

އަންހެން ބައިގެ ޗެމްޕިއަންކަން ރެޑް ހޯކްސް ހޯދި ފައިނަލުގައި ކީން ސްޕޯޓްސް އަތުން 28-22 އިން މޮޅުވެގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ރެޑް ހޯކްސްގެ ޔަޝްފާ އާދަމްއެވެ.

އަންހެން ބައިގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ރެޑްހޯކްސްގެ ގޯލްކީޕަރު އައިޝަތު އާލާ އަލީ އާއި ރައިޓް ބެކް ފާތިމަތު ޖުނާ، އޮރީކްސްގެ ސެންޓަ ބެކް ފާތިމަތު އަރުޝާ އާއި ޕިވޮޓް ރަފާހާ އިބްރާހިމް، ކީންސްގެ ލެފްޓް ވިންގް ފާތިމަތު ރިޝްމާ އާއި ރައިޓް ވިންގް ފާތިމަތު މާލް އިބްރާހިމް އަދި ތުޅާދޫ ޔަންގް އީގަަލްސް ސްޕޯޓްސްގެ ލެފްޓް ބެކް މަރިޔަމް ހަމްނާ އެވެ.

ހޭންޑް ބޯޅަ މިހާރު ފާހަގަ ކުރެވެނީ ރާއްޖޭގައި އެންމެ ފޯރިއާއެކު މާލެ އާއި ރަށްރަށުގައި ކުޅެމުން އަންނަ އެއްކުޅިވަރުގެ ގޮތުގައެވެ.