ދައުލަތައް ގިނަ ދުވަސްތަކެއްވަންދެން ޙިދުމަތް ކުރެއްވި އަބްދު ﷲ ޖަމީލް މިއަދު އަވަހާރަވުމާ ގުޅިގެން ތިން ދުވަސްވަންދެން ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފިއެވެ.

ޖަމީލް އަވަހާރަވީ ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅުުގައި އުޅުއްވުމަށްފަހު މިއަދު ހެނދުނުގެ ވަގުތުގައެވެ.

ރައީސް އޮފީހުން މިއަދު ބުނީ އަބްދުﷲ ޖަމީލު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މި މަހުގެ 13 ވާ އަންގާރަ ދުވަހުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ގައުމީދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.

އަދި ސަރުކާރުން ވަނީ އެ މަނިކުފާނުގެ ޖަނާޒާ އިއްޒަތުގައި ބޭއްވުމަށް ނިންމަވާފައެވެ. އަދި މޫނުފުޅު ދެއްކުން އޮންނާނީ އިސްލާމީ މަރުކަޒުގައެވެ. ކަށުނަމާދު އޮންނާނީ މިއަދު އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުﷲ ޖަމީލަކީ، 54 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ދިވެހި ދައުލަތަށާއި ދިވެހި ގައުމަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ. ސަރުކާރުގެ ހިދުމަތުގައި އޭނާ ވަނީ ހަ މިނިސްޓްރީގެ މިނިސްޓަރުކަން ކުރައްވައިފައެވެ.

އެގޮތުން ހޯމް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ، ހެލްތު މިނިސްޓްރީ، އެޓޮލްސް މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ އަދި ހޯމް އެފެއާޒް އެންޑް ހައުސިން މިނިސްޓްރީގެ ވަޒީރުކަން ކުރެއްވި އެވެ.

މީގެއިތުރުން އިތުރު ހިދުމަތުގެ އިނާމުތައްވެސް ލިބިވަޑައިގެންފައިވެއެވެ.