ދ. ރިނބުދޫ ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން ކުށުން ރައްކާތެރިކުރުމަށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން މި މަހު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ސެޝަންތަކުގެ ތެރެއިން ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސެޝަނުގައި، މުޖުތަމައުގައި ހިނގާ އެކި ބާވަތުގެ ކުށްތަކާއި ނޭނގިނަމަވެސް ކުށަށް ހުށަހެޅޭ ކަންކަމާއި އެފަދަ ކަންކަމުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އަދި ކުށުން ދުރުހެލިވެ ރައްކާތެރިވުމުން އަމިއްލަ ނަފުސަށާއި އާއިލާ އަދި މުޖުތަމައަށް ލިބިގެންދާނެ ފައިދާތަކުގެ މައުލޫމާތު ހިއްސާ ކުރުމުގެ އިތުރުން ދަރިވަރުންގެ ޒިންމާތަކަށް އަލިއަޅުވާލައި މައުލޫމާތުދީފައިވެއެވެ.

މި ސެޝަންގައި މައުލޫމާތުދީފައިވަނީ އެ ސްކޫލުގެ ގްރޭޑް 4 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށެވެ.

ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ސެޝަނުގައި، ދަރިންނާ އޮންނަ ގުޅުން ރަނގަޅުކޮށް ނަމޫނާ ބެލެނިވެރިޔަކަށްވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ދަރިން ތަރުބިއްޔަތުކުރުމުގައި ސަމާލިކަންދޭންވީ ކަންތައްތަކާއި، ދަރިން ތަރުބިއްޔަތު ކުރުމުގައި ނޭނގިނަމަވެސް ހެދޭ ގޯސްތަކާއި އެކަމުގެ ސަބަބުން ނުކުންނާނެ ނޭދެވޭ ނަތީޖާތަކާ އަދި މިކަންކަން ހައްލުކުރުމަށް ބެލެނިވެރިންނަށް ކުރެވިދާނެ ކަންތައްތަކާއި ބެލެނިވެރިޔާގެ ޒިންމާތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، ސްކޫލާއި ގޭތެރޭގެ މާހައުލުގައި ވިޔަސް ކުދިންގެ ފަރާތުން ދިމާވާ ކަންކަން ހައްލުކުރުމުގައި މަސްލަހަތު އިސްކުރުމާއި އެކަންކަން ކުދިންގެ އުމުރާ ގުޅޭގޮތަށް ކިޔައިދިނުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އަދި ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންނާމެދު އިހުމާލުވުމުގެ މައްސަލައެއް ދިމާވެއްޖެނަމަ އެކަމެއް ސިއްރުނުކޮށް ކަމާބެހޭ ފަރާތްތަކަށް އެކަމެއް ހިއްސާކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.