ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލައިގައި ހިންގި ތަހުގީގުގެ ހުރިހާ ލިޔެކިޔުންތަކެއް ދޭން އަމުރުކޮށްފިއެވެ.

އެމްއެމްޕީއާރުސީ މައްސަލައިގައި ދައުލަތުން ނިހާނަށް ހިޔާނާތުގެ ފަސް ދައުވާއެއް ކޮށްފައިވާއިރު މިދައުވާތައް ކުރިއަށްގެންދަނީ އެއްފަހަރާއެވެ. ރިޝްވަތު ހިފުމުގެ 3 ދައުވާއަކާއި ރިޝްވަތަށް އެދުމުގެ 2 ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދައުވާއެއް ވަނީ އުފުލާފައެވެ. މީގެ 2 އަހަރުން ކުރިން ކްރިމިނަލް ކޯޓުގައި މިދައުވާތަކުގެ ޝަރީއަތް ވަނީ ފަށާފައެވެ.

ދެ އަހަރުވީއިރު މިމައްސަލައިގެ އަޑުއެހުންތައް އަދިވެސް ދަނީ ކުރިއަށެވެ. މިއަދުވެސް މި ދައުވާތަކާއި ގުޅިގެން ކޯޓުގަައި ވަނީ އަޑުއެހުމެއް ބާއްވާފައެވެ. މި މައްސަލައިގައި މިއަދު ކުރިއަށް ދިޔައީ ދެފަރާތުން އިފްތިތާހީ ބަޔާން ހުށައެޅުމަށް ބޭއްވި އަޑުއެހުމެކެވެ. އަޑުއެހުން ފެށުމާއެކު ނިހާންގެ ދިފާއީ ވަކީލު ހުސްނީ މުބާރަކު ވަނީ ސްޕްރީމް ކޯޓުގެ ރޫލިންއާ އެއްގޮތަށް ތަހުގީގު ފައިލްތައް ދިފާއަށް ދިނުމަށާއި އެއަށްފަހު ޝަރިއަތް ފެށުމަށް އެދިވަޑައިގެންފައެވެ.

ތަހުގީގު ފައިލުތައް ދިނުމަށް ސުޕްރީމް ކޯޓުން އެންގީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ އުފުލާފައިވާ ދައުވާއަކާ ގުޅިގެންނެވެ. ސުޕްރީމް ކޯޓުން އެ އުސޫލު އެގޮތަށް ކަނޑައެޅިއިރު އޭރު އެ މައްސަލައިގެ ޝަރީއަތް އޮތީ ފަށާފައެވެ. އަދި އިފްތިތާހީ ބަޔާން ވެސް އޮތީ އިއްވާފައެވެ.

މިކަމާ ގުޅިގެން ފައިލުތައް ދޭން ޖެހުމަކީ އިފްތިތާހީ ބަޔާން މިއަދު އިއްވަން އޮތް ހުރަހެއް ނޫން ކަމަށް ދައުލަތުގެ ވަކީލާ ވަނީ ވިދާޅުވެފައެވެ.

ދެ ފަރާތުން ދެއްކި ވާހަކަތައް އަޑުއެހުމަށް ފަހު، ތަހުގީގު ފައިލްތައް ބަލަން ފުރުސަތު ދީފައި އެހެން އަޑުއެހުމެއްގައި އިފްތިތާހީ ބަޔާން އިއްވަން އަލުން ފުރުސަތު ދެއްވުމަށެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވިއެވެ. އަދި އެކަމަށް ވަކި އަޑުއެހުމެއް ބޭއްވުމަށްވެސް ވަނީ ނިންމަވާފައެވެ.

އަދި ހަމައެހެންމެ ހެއްކާބެހޭ ގާނޫނު ރަޖުއީކޮށް ތަތުބީގު ކުރުމެއް ނެތްކަމަށާއި، ހެއްކާބެހޭ ގާނޫނާ ހަވާލާދީ އަލުން ހުށައެޅުންތައް ހުށައެޅުމުގެ ފުރުސަތު ނުދެއްވުމަށްވެސް ގާޒީ ނިންމެވިއެވެ.

ރަސްމީ މަސައްކަތު ދުވަހެއްގެ ބަދަލުގައި އެ އަޑުއެހުން ހޮނިހިރު ދުވަހު ބާއްވާ ދިނުމަށް ދައުލަތުގެ ވަކީލާ އީނާ މޫސާގެ އެދިވަޑައިގަތުމަށް ދިފާއީ ވަކީލު ހުސްނީ ވެސް އެއްބަސްވެވަޑައިގެންނެވިއެވެ.

ނިހާނަށް ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ހުންނެވި ދުވަސްވަރު ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ ފަރާތްޕުޅުން ރިޝްވަތަށް އެދިވަޑައިގަތުމާއި، ރިޝްވަތު ހިއްޕެވުމާއި، އެގޮތަށް ހޯއްދެވި ފައިސާ ލޯންޑާރ ކުރެއްވުމުގެ ކުށުގައެވެ.

ނިހާނަށް ރިޝްވަތުގެ ގޮތުގައި ލިބުނު ތަކެތީގެ ތެރޭގައި ރޮލެކްސް ބްރޭންޑްގެ ގަޑިއަކާއި އެއް ލައްކަ ފަންސާސް ހާސް ޑޮލަރު ހިމެނެއެެވެ. މިފައިސާ ލޯންޑަރކޮށްގެން ޕްލެޓިނަމް ރެސިޑެންޓް ފްލެޓެއް ނިހާން ގަނެފައިވާކަމަށް ދައުލަތުން ތުހުމަތުކުރެއެވެ.

ދައުލަތުން ވަނީ ނިހާންގެ މިލްކިއްޔާތުގައި ޕްލެޓިނަމް ރެސިޑެންޓް ފްލެޓާއި، ރޮލެކްސް ބްރޭންޑްގެ ގަޑި ދައުލަތަށް ނެގުމަށް އެދިފައެވެ.