ސްކޫލް ދަރިވަރުން ކުށުން ރައްކާތެރިކުރުވުމާއި ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ތ. އަތޮޅު މަދަރުސާގެ ގްރޭޑް 5 ގެ ދަރިވަރުންނަށް މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މިމަހުގެ 11 ވަނަ ދުވަހު ގުރައިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އެ ސެޝަނުގައި، ރިވެތި އަދަބުތައް، ރިވެތި އަދަބު އަހުލާގުގެ މުހިންމުކަން އަދި ރިވެތި އަދަބުތައް އަށަގެންނެވުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މައުލޫމާތުދީފައިވެއެވެ

އޭގެ އިތުރުން، ގޭތެރޭގެ މާހައުލާއި ބޭރުގައި އުޅޭއިރު އަހުލާގު ބަހައްޓަން ޖެހޭ ގޮތާއި ރިވެތި އަދަބުތަކުގެ ތެރޭގައި ހިމެނޭ ބައެއް ސިފަތައް ދަރިވަރުންނަށް ކިޔައިދީފައިވެއެވެ.

އަދި ތެދުވެރިކަން، އަމާނާތްތެރިކަން، ވަގުތަށް ކަމޭހިތުމާއި އެހެން މީހުންނަށް އިހުތިރާމްކުރުމުގެ ސިފަ ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމުގެ އިތުރުން ސާފުތާހިރުކަމުގެ މައްޗަށް އަލިއަޅުވާލައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ.