ސާޖިން އަކީ ކާކު؟
ޙަސަން ސާޖިން (ސާޖިން) އަކީ ގއ. ގެމަނަފުށީ ހިތަދޫގޭ ދެމަރިން ކަމަށްވާ އައްޑޫ ސިޓީ ހިތަދޫ އިބްރާހީމް ދީދީއާއި ގެމަނަފުށީ މަރިޔަމްދީދީގެ 7 ކުދިންގެ ތެރެއިން އެންމެ ހަނގު ދަރިފުޅެވެ. .
އެ ހަތް ބެއިންގެ ތެރެއިން 5 ބެއިން އާމްދަނީ ހޯދަން ކުރާ މަސައްކަތަކީ މަސްވެރި ކަމެވެ. ސާޖިން ވެސް ހިމެނޭ ގޮތުންނެވެ. ސާޖިން ފިޔަވައި އަނެއް 4 ބެއިން މަހަށްދަނީ އެއް ދޯންޏެއްގައެވެ. ސާޖިންއަކީ ފޮޓޯއާއި ވީޑިއޯ ހަދައި މަސްވެރިކަން ޕްރޮމޯޓު ކުރަން މަސައްކަތްކުރާ މަސްވެރިއެކެވެ. އެހެން ކަމުން އޭނާ މަހަށްދަނީ އެކިފަހަރު އެކި ދޯނީގައެވެ.
މަސްވެރިކަމަށް ނުކުތުން
ސާޖިން ސްކޫލުން ކެނޑިގެން އެންމެ ފުރަތަމަ ދިޔައީ ތަނެއްގެ ސުޕަވައިޒަރެއްގެ ވަޒީފާއަށެވެ. އެހެންނަމަވެސް އެތަނުގައި އަހަރު ދުވަސްވީއިރުވެސް ލިބޭ މުސާރަ ބޮޑެއް ނުވިއެވެ. މުސާރަ ކުޑަމުން އޭނާ ބޭނުންވީ ފައިސާ ލިބޭ މަސައްކަތެއް ކުރުމަށެވެ. ވަޒީފާގައި އުޅުނު އިރު މަހެއްގެ މައްޗަށް ލިބުނީ 7000 ރުފިޔާއެވެ. އެހެންވެ އެއަށްވުރެ ރަނގަޅު މަސައްކަތެއް ކޮށްގެން ގިނަ ފައިސާ ހޯދަން މަސްވެރިކަމަށްވުރެ ރަނގަޅު ދާއިރާއެއް އޭނާއަށް ނުފެނުނެވެ. އެހެންވެ މަސްވެރިކަމުގެ ދާއިރާއަށް އޭނާ ވަނީ އުމުރުން އެންމެ 16 ވަރަކަށް އަހަރުގައެވެ. މިހާރު އޭނާގެ ޢުމުރަކީ 22 އަހަރެވެ. އެ ދާއިރާގައި މަސައްކަތްކުރާތާ މީހާރު 6 އަހަރު ވެއްޖެއެވެ. އޭނާ ހިތްހަމަޖެހޭ ވަރުގެ ރަނގަޅު އާމްދަނީއެއް ވެސް ލިބެއެވެ.
މަސްވެރިކަމުގެ ތަޖުރިބާ
ޒުވާން މަސްވެރިޔާގެ ނަމުގައި ސޯޝަލް މީޑިއާގައި މަޝްހޫރުވެފައިވާ ސާޖިން މަސްވެރިކަމުގައި މިހާތަނަށް ހޭދުކޮށްފައިވާ މުއްދަތުގައިވަނީ ތަފާތު ތަޖުރިބާ ތަކެއް ކޮށްފައެވެ. އެންމެ ފުރަތަމަ މަހަށް ނުކުތް ދުވަހުގެ މަތިން އަދިވެސް އޭނާ ހަނދާން ކުރެއެވެ. ދޯނީގެ ތައްޓުމަތީގައި ފައި ހަރުނުލައެވެ. އަރި އަޅައިލައިގެން ބައެއްފަހަރު ވެއްޓިފައި އެބަހުއްޓެވެ. ބޯ އަނބުރާތީ ކޮޅަށް ނުހުރެވެއެވެ. އެހެންނަމަވެސް އޭނާގެ ހިތްވަރާއި ޢަޒުމަށް ބަދަލެއް ނުގެނެއެވެ. އެންމެ ފަހުން ހަފްތާ ނިމި އެ ހަފްތާގައި ލިބުނު ފައިސާ ބަހައިފިއެވެ. އެހެން ކޮންމެ މީހަކަށް ފަނަރަ ހާސް ރުފިޔާ ލިބުނެވެ. ސާޖިންއަށް ލިބުނީ އެންމެ ފަނަރަ ސަތޭކަ ރުފިޔާއެވެ. ވާނީ ވެސް އެހެންނެވެ. ކުޑަ ކުއްޖަކު އަލަށް މަހަށް ނުކުމެ ކުރެވޭނެ މާބޮޑު ކަމެއް ވެސް ނޯންނާނެތާއެވެ.
މިހާރު އޭނާއަކީ އޮޑީގައި އުޅެން ފަރިތަ މަސްވެރިއެކެވެ. ކަނޑަށް ގަދަ މަސްވެރިއެކެވެ. ފީނުމާއި މަސްވެރިކަމާ ގުޅޭ ހުރިހާ ކަމަކަށް މުރާލި ހީވާގި ހުނަރުވެރި މަސްވެރިއެކެވެ. ދޮށި އެޅުމަށް އެއްވަނައެވެ. މަސްވެރި ކަމަކީ ރަނގަޅު އާމްދަނީއެއް ލިބޭ ދާއިރާއެއް ކަމަށް އޭނާ ބުންޏެވެ. ހަމައެއާއެކު ވަރަށްބޮޑަށް ބަދަލުގެނެސް ތަރައްގީ ކުރަންޖެހިފައިވާ ދާއިރާއެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ގޮން ޖެހުންތައް
މަސްވެރިކަމަކީ ބުރަ މަސައްކަތެކެވެ. އެހެންނަމަވެސް އެމަސައްކަތް މަސްވެރިން ކުރަނީ ކުރާ ހިތުންނެވެ. މަސައްކަތުން ހިތްހަމަޖެހުމާއި އުފާ ލިބޭތީއެވެ. ކިތަންމެ ކުރާ ހިތުން މަސައްކަތް ކުރިޔަސް އޭގެ ނަތީޖާ ރަނގަޅަށް ނުފެންނާތީ އޭނާ ކަންބޮޑުވެއެވެ. ކުއްލިއަކަށް މަހުގެ އަގު ދަށްކޮށްފިއެވެ. އެކަމުގެ ނޭދެވޭ އަސަރު ހުރިހާ މަސްވެރިންނަށް ކުރިއެވެ.
ޒަމާނީ މަސްވެރިން މަސްވެރިކަން ކުރަމުންދަނީ ޒަމާނީ އުޅަނދުފަހަރުގައެވެ. ބޮޑެތި އުޅަނދުފަހަރުގައެވެ. އެހެންކަމުން ގިނަ ވަގުތު އެމީހުން ހޭދަކުރަނީ ކަނޑުމަތީގައެވެ. އެހެން ކަމުން އެއްވެސް ދަތިކަމެއްނެތި އައިސް ލިބޭނެ އިންތިޒާމް ހަމަޖެހެން އެބަޖެހެއެވެ. މަސްކިރޭނެ އިންތިޒާމް ވެސް އެހާ ފުރިހަމަވާން އެބަޖެހެއެވެ. "މަސްވެރިކަމަކީ ސީޒަނަލް ކަމެއް. އެއީ މަސްވެރިންނަށް އެންމެބޮޑު މަންފާ ލިބޭ ދުވަސްތައް. އެހެންކަމުން އައިސް ލިބުމާއި މަސްކިރުމާއި ބާނާމަސް އުކާނުލައި ވާނޭ ގޮތަކަށް މަސްގަންނަ ފަރާތްތަކުން އަމަލު ކުރަން އެބަޖެހޭ. އެ އިންތިޒާމް ފުރިހަމަކޮށް ކަށަވަރު ކުރަންޖެހޭ،" އޭނާ ބުންޏެވެ.
ކޮންމެ މަސްވެރިއަކަށް ބާވީސް ހާސް
މަހަކު ކޮންމެ މަސްވެރިއަކަށް އެވްރެޖުކޮށް ބާވީސް ހާސް ރުފިޔާ ލިބޭ ކަމަށް މަސްވެރިކަމާބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ. އެކަން ސާޖިންއަށް ބަލައިގަނެވޭ ގޮތެއް ނުވިއެވެ. އޭނާއަށް އެވަރު ނުލިބޭތީއެވެ. އޭނާ ދަންނަ އެތައް މަސްވެރިންނަށް އެވަރު ނުލިބޭތީއެވެ. އޭނާ ހިސާބު ޖަހާޖަހާ އެ އަދަދު ނުއެއް ނުކުތެވެ. އެހެންކަމުން ވަޒީރު އެ ހިސާބު ޖެއްސެވި ގޮތެއް ބަލަން ސާޖިން ބޭނުންވިއެވެ. އެކަމަށް ކުރިމަސައްކަތުން ވަޒީރުގެ ހިސާބު ދިމާނުވިކަން ސާޖިން ވަނީ ކަށަވަރު ކޮށްދީފައެވެ.
ސާޖިން ބުނީ މަސްވެރިކަމުގެ ސިނާއަތަކީ އެއްވެސް ސަރުކާރަކުން ސަމާލުކަން ދިން ސިނާއަތެއް ނޫންކަމަށެވެ. ކޫއްޑުއާއި ފެލިވަރުގެ ފެސިލިޓީތައް މަރާމާތު ނުކޮށް ގިނަދުވަސް ވުމުން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. މަސް ގަންނަން ރަށްރަށަށް ފޮނުވާ ބޯޓުފަހަރުތައް މަރާމާތު ނުކުރެވި ގިނަ ދުވަސްވެ ބައެއް ބޯޓު ފަހަރު ވަނީ ވީރާނާވެގެން ގޮސްފައެވެ. ހުރިބޯޓުފަހަރު މަރާމާތު ކުރުމަށް އެތައް ފައިސާއެއް ޚަރަދު ކުރަންޖެހެއެވެ.
ސަރުކާރުން މަސްވެރިކަމަށް އިންވެސްޓްކުރައްވާއިރު ރާއްޖޭގެ އެންމެ އެކަށީގެންވާ ސަރަހައްދެއްގައި އެ އިންވެސްޓްމަންޓް ގާއިމް ކުރުން ވަރަށް މުހިންމު ކަމަށް ވެސް އޭނާ ބުންޏެވެ. އެހެންނޫނީ އެންމެފަހު ވަގުތު އެއިން ލިބޭ ގެއްލުން މާބޮވެދާނެއެވެ.
ދިވެހި މަސް ރޯމަހުގެ ގޮތުގައި ބޭރުކުރުމަށްވުރެ ފައިދާބޮޑީ ދަޅުގައި ބަންދުކޮށްގެން ބޭރު ކުރުން ކަމަށް މިނިސްޓަރ ޒަހާ ވަހީދު ވަނީ ވިދާޅުވެފައި ކަމަށް ވެސް ސާޖިން ބުންނެވެ. އޭނާގެ ސުވާލަކީ މިނިސްޓަރަށް އެވަރު އެނގި ވަޑައިގަންނަވާއިރު ފައިދާވާގޮތް ނުހައްދަވައި މަޑުކުރައްވަނީ ކީއްވެތޯއެވެ؟ މިހުރިހާ ކަމެއް އަޕްގްރޭޑުކޮށް ތަރައްގީކޮށް ފެސިލިޓީތައް ރަނގަޅު ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ސާޖިން ބުންޏެވެ.
ރައީސްގެ ފޯންކޯލް
ޒުވާން މަސްވެރިޔާ ގޮތުގައި ސޯޝަލް މިޑީއާގައި މަޝްހޫރުވެފައިވާ ސާޖިންއަކީ އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރއެވެ. އޭނާއަށް އެމަގާމު ލިބުނުތާ އަދި މާގިނަ ދުވަހެއް ނުވަނީސް 2020 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ލައިގަތެވެ. އެދުވަހު އޭނާ އެންމެ ބޭނުންވީ ރައީސާ ފޯނުންނަމަވެސް ބައްދަލު ކުރައްވާށެވެ. އެކަން އޭނާ ސޯޝަލް މީޑިއާގައި ހާމަކުރުމުން މަސްވެރިންގެ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސާލިހު ސާޖިންއަށް ގުޅުއްވިއެވެ. އަދި މަސްވެރިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އެއަށްފަހު ސާޖިން ބުނެފައިވަނީ ރައީސްގެ ފޯން ކޯލުގެ ސަބަބުން އުންމީދު އައުވެއްޖެ ކަމަށެވެ. ހިތްވަރު ލިބިއްޖެ ކަމަށެވެ. އޭނާ އެހެން ބުނުމުން ތަފާތު އެކި ދިމަދިމާއިން އޭނާއަށް ފުރައްސާރައިގެ ބަސްތައް އަމާޒުވިއެވެ. ހަޑިހުތުރު ބަހުން ވާހަކަ ދައްކައި މެސެޖުކުރިއެވެ. މިޒަމާނުގެ ބަހުރުވައިންނަމަ ސާޖިން ހޫނުފެނަށް ވައްޓާލިއެވެ. އެކަމާ ސާޖިން ހުރީ ކަންބޮޑުވެފައެވެ. ދެރަވެފައެވެ. އެފަދަ ކަންކަން އެގޮތަށް ނުކުރުމަށް އޭނާ ވަނީ އެދިފައެވެ. އެފަދަ ކަންކަމުން ނުކުންނާނެ ރަނގަޅު ނަތީޖާއެއް ނެތީމައެވެ.
ޒުވާން މަސްވެރިން ސިޔާސީ ނުވޭ
ސާޖިން ބުނީ އެއްވެސް މަސްވެރިއަކު ސިޔާސީ ވެގެން ވަކިކޮޅެއް ނެގުން ރަނގަޅު ނޫން ކަމަށެވެ. ކޮންމެ ކޮޅެއް ނެގިޔަސް ވާހަކަ ދައްކަންވާނީ ހަގީގަތަށް ކަންއޮތް ގޮތަށް ކަމަށް ވެސް އޭނާ ބުންޏެވެ. ގައުމުގެ ކަންކަން ހަމަމަގަށް އަޅުވަން އެންމެ އިސްކޮށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާއެވެ. ރައީސް މަސްވެރިންނަށް އުންމީދެއް ދެއްވުމުން އެކަން ބަލައިގަންނަންވީ ސިޔާސީ ވިސްނުމަކުން ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.
ޒަމާނީ މަސްވެރިންނަކީ ކިޔަވައިގެން ތިބި ޒުވާން ބައެކެވެ. އިންޓަރނެޓާއި އެހެނިހެން ގޮތޮގޮތުން ރާއްޖެއާއި ދުނިޔޭގެ ބާޒާރުގައި މަހުގެ އަގުހުރި ވަރު ބަލައިލެވޭ އިންތިޒާމްތައް އެހުރީ ހަމަޖެހިފައެވެ. އޮޅުވައެއް ވެސް ނުލެވޭނެއެވެ. މަސްވެރިންގެ އުންމީދަކީ ސަރުކާރުން ވިދާޅުވާ ހަމަ އަގު ލިބުމެވެ. ބޮޑު އަގެވެ. މިކަންކަން ކޮށްދެއްވަން ސަރުކާރުން ވަނީ ޕްލޭންތައް ހައްދަވައިފައެވެ. ސަރުކާރުން ކޮށްދެއްވަން ވިދާޅުވާ ރަނގަޅު ކަންކަމަށް އެންމެން އެއްބަހެއް ކިޔައި ތާއީދު ކުރުން ރަނގަޅު ކަމަށް ވެސް އޭނާ ބުންޏެވެ. މަސްވެރިން ސިޔާސީވުމަކީ ހައްލެއް ނޫންކަމަށް ވެސް އޭނާ ބުންޏެވެ.
އުންމީދު
މަސްވެރިކަމުގެ ދާއިރާއިން މުސްތަގުބަލަށް ސާޖިންކުރާ އުންމީދުތައް ބޮޑެވެ. ކުއްލިއަކަށް މަހުގެ އަގު ދަށްކުރުމުން މަސްވެރިން ވަނީ މާޔޫސްވެފައެވެ.
އޭނާ ބުނީ ސަރުކާރުން ވަނީ މަސްވެރިކަމާ ގުޅޭ ޕްލޭންތަކެއް ހަދައިފައި ކަމަށެވެ. އެ ޕްލޭނާ އެއްގޮތަށް އަމަލުކުރެވި ރަނގަޅު ނަތީޖާއެއް ލިބުމަކީ އުންމީދު ކަމަށެވެ. އެހެން ކަމުން ސަރުކާރުން މަސްވެރިންނަށް ރަނގަޅު ގޮތް ހައްދަވައި ދެއްވުމަށް ހައްދަވައިފައިވާ ޕްލޭންތަކާ އެއްގޮތަށް ކަންކަން ރަނގަޅު ކުރުމަކީ ކުރެވޭ ދިގު އިންތިޒާރެއް ކަމަށް ވެސް ބުންޏެވެ. މަސްވެރިން ތިބީ އެ އުންމީދުތަކުގެ ތެރޭގައެވެ. އެ އުންމީދުތަކަށް ފާރަލުމުގައި މަސްވެރިންގެ ލޯ ވަނީ 24 ގަޑުއިރު ހުޅުވިފައެވެ.
ނިންމުން
ސާޖިންއަކީ ޒުވާން މަސްވެރިއެކެވެ. އޭނާއަކީ "ޒުވާން މަސްވެރިޔާ" އެވެ. ސާޖިންގެ ނަން މަސްވެރިކަމުގެ ދައިރާގައި ރަންއަކުރުން ފެވި އެންމެނަށް ފެންނަން އޮތަސް މިކަހަލަ އެތައް ޒުވާނުންނެއް އެބަތިއްބެވެ. އަނބިދަރިން ދޫކޮށްލާފައި އެތައް ހަފްތާއެއް ކަނޑުމަތީގައި ހޭދަ ކުރަނީ ބަނޑުފުރާނަ މުއްތި ކުރުމަށެވެ. ހަލާލު މަސައްކަތުން ފައިސާ ހޯދުމަށެވެ. އެހެންނަމަވެސް ސަރުކާރުން މަހުގެ އަގު ކުޑަކުރުމުން މަސްވެރިން ވަނީ މާޔޫސްވެފައެވެ. ނިކަމެތިވެފައެވެ. މަސްވެރިންގެ އާއިލާތައް ވަނީ އުންމީދު ކެނޑިފައެވެ.
ސާޖިން ބުނީ އޭނާ ބޭނުންވަނީ ސިޔާސީން ވެވަޑައިގަންނަވާ ވައުދުތަކުގެ އަޑު އަހަން ނޫންކަމަށެވެ. އޭނާ ބޭނުންވަނީ އެއަށް އަމަލީ ސިފަ ގެނައުމަކީ އޭނާ އެދޭ ގޮތެވެ. ބަހަށްވުރެ އަމަލު ގިނަކުރަންވީއެވެ. "އަޅުގަނޑު ބޭނުން ވަނީ މަސްވެރިންނަށް ފުރިހަމަ އަގު ލިބުން. ބާނާ މަސްކޮޅު ކިރާލެވި އެއަށްވާ ފައިސާ ވަގުތުން މަސްވެރިޔާގެ ޖީބަށް ވަނުމަކީ އަޅުގަނޑު އެދޭ ގޮތް. ހަލާކު ވެފައިވާ އައިސް ޕްލާންޓްތަކާއި ކޫއްޑުއާއި ފެލިވަރު ޕްލާންޓު ރަނގަޅަށް މަރާތް ކުރެވި ޖާގަ އިތުރުވުމަކީ ވެސް އުންމީދެއް. މަރާމާތު ކުރަންޖެހިފައިވާ ބޯޓުފަހަރު މަރާމާތު ކޮށް ސާވިސްއަށް ނެރުން އެއީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް،" އޭނާ ބުންޏެވެ.
ސާޖިންބުނީ މަސްވެރިކަމުގެ ސިނާއަތްވަނީ ކުދިކުދި ވެފައި ކަމަށެވެ. އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އެސިނާއަތް އާރާސްތު ކުރުމެވެ. އެއަށްފަހު ޒަމާނީ މަސްވެރިކަމުގެ އިސްކޮޅާ އެއްވަރަށް ނުވަތަ އެއަށްވުރެ ދިގު އިސްކޮޅަކަށް ދެމިލަންވީ ސަރުކާރުން ކަމަށް އޭނާ ބުންޏެވެ. "ކާރުޚާނާތައް މަރާމާތު ކުރަންވީ. އައިސްޕުލާންޓްތައް މަރާމާތު ކުރަންވީ. ޒަމާނީ މަސްވެރިކަމަށް ޒުވާނުން ހޭލުންތެރި ކުރުވަންވީ. މަސްވެރިކަމާ ގުޅޭ ޓެކްނިކަލް ތަމްރީންތައް ޒުވާނުންނަށް ދޭންވީ. މި ސިނާއަތަކީ ވުޖޫދުން ނައްތާލައިފައިވާ ސިނާއަތެއް. އަލުން ވުޖޫދުކޮށް ފުރާނަ އަޅުވައި ދެއްވުމަކީ މިސަރުކާރާއި ދެންވެސް އަންނަން އޮތްސަރުކާރުތަކާއި ފާއިތުވި ސަރުކާރުތަކުގެ ވެސް ޒިންމާއެއް. އެކަންކޮށްދެއްވާ،" ސާޖިމް ބުންނެވެ.
ސާޖިން ބުނީ މަސްވެރިން ފުރާފުރިހަމަ ވެއްޖެ ކަމަށެވެ. އެހެންނަމަވެސް މަސްވެރިންގެ އިސްކޮޅު އެހާދިގުވިއިރު ސަރުކާރުތައް ތިބީ މަސްވެރިންނާ އެއް ހިސާބެއްގައި އެއްހަމައެއްގައި ނޫންކަމަށް އޭނާ ބުންޏެވެ.