ށ. މިލަންދޫގައި މިހާރު ކުރިއަށްގެންދާ އަމާންވެށި ޕްރޮގްރާމްގެ ތެރެއިން، އެރަށު މުއައްސަސާތަކާއި ޖަމުއިއްޔާ ޖަމާއަތްތަަކާއި، ކުންފުނިތަކަށް އަމާޒުކޮށްގެން އަރުތަ ޕްރޮގްރާމް ފަށައިގެން ކުރިއަށް އެބަގެންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ ޖޫން 12 އިން 13 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި، އޮފީސް އެތިކްސް، ސައިބަރ ސޭފްޓީ، ޑޮމެސްޓިކް ވައިލެންސް އަދި މޯޓިވޭޝަން ސެޝަންތައްވެސް ކުރިއަށް ގެންދާ ކަމަށެވެ.
އަދި މި ސެޝަންތަކުގައި، އޮފީސް މާހައުލުގައި ދިމާވާ މައްސަލަތައް، އެ މައްސަލަތައް ހައްލުކުރެވިދާނެ ގޮތްތައް، އޮފީސް މާހައުލުގައި ބަހައްޓަންޖެހޭ އަހުލާގީ އަދި ސްލޫކީ މިންގަނޑުތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކޮށް ބައިވެރިންގެ މެދުގައި މަޝްވަރާކުރާނެ ކަމަށާއި އަދި އޮފީސް މާހައުލުގައި މުވައްޒަފުން މޯޓީވޭޓްކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުންވެސް މައުލޫމާތުދިނުމާއެކު ބައިވެރިންގެ މެދުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އޭގެ އިތުރުން، އިންޓަނެޓް މެދުވެރިކޮށް ހިންގާ ޖިނާއީ މައްސަލަތަކުގެ ޝިކާރައަކަށް ނުވެ ރައްކާތެރިކުރުވުމަށާ ދި ސައިބަރ ކްރައިމަށް ހުށަހެޅޭ ގޮތާއި އެކަމުން ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކުރާނެއެވެ. އަދި ގެވެށި އަނިޔާގެ މައްސަލަތަކާއި އެފަދަ މައްސަލަތަކުން ރައްކާތެރިވެ އެފަދަ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާކުރުންތައް ކުރިއަށް ގެންދާނެއެވެ.
ޖޫން 4 އިން 19 އަށް އަމާންވެށި ޕްރޮގްރާމް ކުރިއަށް ގެންދަނީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި، މިލަންދޫ ޕޮލިސް ސްޓޭޝަނާއި، ފުލުހުންގެ އެކި ޑިޕާޓްމަންޓުތަކާއި، މިލަންދޫ ކައުންސިލާއި ރަށުގެ އެހެނިހެން އިދާރާތަކުގެ އިތުރުން ރަށުގެ ޖަމުއިއްޔާ ޖަމާއަތްތައް ގުޅިގެން ރައްޔިތުންގެ ބައިވެރިވުމާ އެކުގައެވެ.