ބްރިޖުހައިވޭގައި ހިނގި އެކްސިޑެންޓެއްގެ މަންޒަރު ދުށްމީހަކު ހޯދުމަށް ބޭނުންވެގެން ފުލުހުން އިއުލާނެއް ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އެފަދަ މީހަކު ހޯދަން ބޭނުންވަނީ ބްރިޖް ހައިވޭގެ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭންގެ ސީޕްލޭން ޓާމިނަލްއާ ހިސާބުގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ކުރަމުންދާ ތަހުގީގަށް ކަމަށެވެ.

ފުލުހުން އެބުނާ އެކްސިޑެންޓް ހިނގާފައިވަނީ ޖޫން ހަތްވަނަ ދުވަހު ދެގަޑި ފަންސާސް ހަތަރެއް އެހައިކަންހާއިރު އެވެ. އެ އެކްސިޑެންޓް ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭންގެ ހަތަރު ލޭން ސަރަހައްދު ނުވަތަ ސީޕްލޭން ޓާމިނަލްއާ ހިސާބުގައި ކާރެއް ހުއްޓިފައި އޮތް ވަގުތު އެކާރު ފަހަތުން އޯވަރޓޭކް ކުރި ވޭނެއްގައި، އޭގެ ފަހަތުން އައި ސައިކަލެއް ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި، ސައިކަލް ދުއްވަން އިނީ ނަވާރަ އަހަރުގެ އަންހެނެކެވެ. އޭނައަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

"ހައިވޭގައި ހިނގިމި އެކްސިޑެންޓުގެ މަންޒަރު ދުށް އެއްވެސް ފަރާތެއް ވާނަމަ ނުވަތަ އެކްސިޑެންޓާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ." ފުލުހުން ބުނެފައިވެއެވެ.