ފާއިތުވި އަހަރު ފުލުހުންގެ ޚިދުމަތަށް އެކިގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކާއި ފުލުހުންގެ ޚިދުމަތުގައި ފާހަގަކުރެވޭފަދަ މަސައްކަތްތަކެއް ކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ހަފުލާ ބާއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަންއެވެ. މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު އަދި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ ފުރިހަމަ ލޯތްބާއި ތާއީދު ފުލުހުންނަށް ލިބޭނީ ނަމޫނާ ބަޔަކަށް ވެގެންކަމާއި ފުލުހުންގެ މުއައްސަސާގެ ރީތި ނަމާއި ގަދަރު ހިިފެހެއްޓޭނީ ފުލުހުން ނަމޫނާ ބަޔަކަށްވެގެން ކަމަށް ވިދާޅުވިއެވެ. އަދި ފުލުހެއްގެ ފަރުވާކުޑަ އަމަލެއްގެ ސަބަބުން ގައުމަށާއި މުއައްސަސާއަށް ކިލަނބުކަމެއް އަތުވެދާނެކަމަށް އަބަދުވެސް ވިސްނަންޖެހޭކަމަށާއި އެކާވީސްވަނަ ގަރުނުގައި ފުލުހުންނަކީ، ރައްޔިތުންނަށް ގާނޫނު އަސާސީ އިން ލިބިދޭ މިނިވަންކަމާއި ހައްގުތައް ވަރަށް ރަނގަޅަށް އޮޅުންފިލާފައި ތިބި ބަޔަކަށް ވާންޖެހޭކަމަށެވެ.

އަދި އެ ހައްގުތަކަށް އުނިކަމެއް އަންނަ ފަދަ އެއްވެސް އަމަލެއް ފުލުހެއްގެ ކިބައިން ފެނިގެން ނުވާނެކަމަށާއި ފުލުހުންނަކީ އެއްވެސް ގިންތިއަކަށް ނުވަތަ އެއްވެސް ފަންތިއަކަށް ތަފާތުކުރުމެއްނެތި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ސާބިތުކަމާއެކު ތިބޭ ބައެއް ކަމުގައި ވާންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ހަމައެހެންމެ ރައްޔިތުންނާ ގުޅިގެން ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތްކުރުމުގެ ގާބިލުކަމާއި ޖޯޝު ހުރި ބަޔަކަށް ފުލުހުން ވާންޖެހޭކަމަށް ވިދަޅުވިއެވެ.

މީގެ އިތުރުން، އެހެން ގައުމުތަކުގެ ބެސްޓް ޕްރެކްޓިސަސް ދެނެގަނެ އެއިން ފިލާވަޅުތައް ލިބިގަނެ، ޒަމާނަށް އަންނަ ބަދަލުތަކާ ފައިހަމަކުރެވޭަރަށް ދިވެހި ފުލުހުން އިލްމާއި ހުނަރުހުރި ބަޔަކަށް ވާންޖެހޭކަމަށާއި އަދި ޒަމާނީ އާލާތްތައް ބޭނުންކޮށް ތަފާތު އުކުޅުތަކަށް އާދަވެފައިވާ ބަޔަކަށް ދިވެހި ފުލުުހުން ވާންޖެހޭކަމަށާއި ބައިނަލްއަގުވާމީ ފެންވަރުގައި އަޑުއުފުލުމުގެ ކުޅަދާނަކަން ލިބި އިހުތިރާމުލިބިގެންވާ ބަޔަކު ކަމުގައިވެސް ފުލުހުން ވާންޖެހޭކަމަށް ވިދާޅުވިއެވެ.

އަދި ކޮންމެ ފުލުހަކީވެސް ފުލުހުންގެ ޚިދުމަތާމެދު ފަހުރުވެރިވާންޖެހޭ މީހެއް ކަމަށާއި ފުލުހެއްގެ ވަޒީފާއަދާކުރަން އެ ލިބޭ ފުރުސަތަކީ ޝަރަފެއްކަމާއި އެ ޝަރަފަކީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމުގައި ވިދާޅުވިއެވެ. އަދިހަމަ އެހެންމެ ދިވެހި ފުލުހުންގެ ޔުނީފޯމް އެޅުމަށްފަހު ތިމާ ކޮންމެ ތަނެއްގައ ހުއްޓަސް ޔުނީފޯމުގައި ހުއްޓަސް ނެތަސް ތިމާއަކީ ފުލުހެއްކަން ހަނދާންކޮށް ފުލުހުންެގެ ވާޖިބުތައް އަދާކުރުމުގައި ފަސްޖެހިގެންނުވާނެކަމަށް ވިދާޅުވިއެވެ.

އަދި ކޮންމެ ފުލުހަކީވެސް ރިވެތި ބަސްމަގަކުން މުއާމަލާތުކުރާނެ ފުލުހަކަށްވުމަށާއި އެހެން މީހުންނަށް އިހުތިރާމުކުރުމަށް އާދަވެފައިވާ ފުލުހަކަށްވުމާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދޭނޭ ބަޔަކު ކަމުގައި އެންމެ ކުރީ ސަފުގައި ފުލުހުން ތިބުމަކީ ރައްޔިތުން އެދޭ އެދުމެއް ކަމުގައި ވިދާޅުވިއެވެ.

މި ހަފުލާގައި، މިދިޔަ އަހަރު ފުލުހުންގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވާފައިވާ އާންމު ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ދީފައިވެއެވެ. އެގޮތުން، ކުންފުނިތަކާއި ވިޔަފާރިތަކާއި އަމިއްލަ ފަރުދުން ފަރާތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.

ފުލުހުންގެ ޚިދުމަތުގައި ފާހަގަކުރެވޭފަދަ މަސައްކަތްތަކެއް ކޮށްފައިވާ މުވައްޒަފުންނަށްވެސް މި ރަސްމިޔާތުގައި ހަނދާނީލިޔުންދީފައިވެއެވެ. އެގޮތުން، މުވައްޒަފުންނާ ހަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރުން، އަމިއްލައަށް އިސްނަގައިގެން ޚިދުމަތްކޮށްފައިވާ 20 މުވައްޒަފުންނާއި ފުލުހުންގެ ޚިދުމަތުން ހިންގާފައިވާ ބޮޑެތި އޮޕަރޭޝަންތައް ކާމިޔާބުކުރުމުގައި ފާހަގަކުރެވޭ މަސައްކަތްތަކެއް ކޮށްދީފައިވާތީ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން 11 މުވައްޒަފުންނަށް ހަނދާނީ ލިޔުންދީފައިވެއެވެ.

މީގެ އިތުރުން، ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނު ބޮޑެތި މައްސަލަތައް ކާމިޔާބު ކުރުުމުގައި ފާހަގަކުރެވޭ މަސައްކަތްތަކެއް ކޮށްދީފައިވާތީ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން 13 މުވައްޒަފުންނަށް އަދި އެއްވެސް ފަސްޖެހުމެއްނެތި ރަސްމީ ޑިއުޓީ އަދާކުރުމުގައި ތެރޭގައި އަނިޔާލިބިފައިވާ މުވައްޒަފަކަށް، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުންދީފައިވެއެވެ.