ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އިނާޔަތުގެ މިންވަރު 6،000 ރުފިޔާއާ ހަމައަށް ބޮޑުކޮށްފި އެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ގާނޫނުގައިވާ ގޮތުން މީގެ ކުރީން ކޮންމެ މަހަކު ދެމުން އަންނަނީ 2،000 ރުފިޔާގެ އިނާޔަތެކެވެ. އެއީ މީގެ 12 އަހަރު ކުރިން ފެށިގެން ދެމުން އައި އިނާޔަތެކެވެ.
އެ އިނާޔަތް ބޮޑުކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ މުރާޖައާކުރެއްވުމާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހު އެވެ.
އެކަމުގެ ތަފުސީލު ދިނުމަށް ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް އައްޒާމް ވަޖީހު ވިދާޅުވީ، އިނާޔަތަށް ގެނައި ބަދަލާ އެކު މި ޖޫން މަހުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކަށް ކުރިން ލިބެމުންދިޔަ 2،000 ރުފިޔާގެ ބަދަލުގައި 3،000 ރުފިޔާ ލިބިގެންދާނެ ކަމަށެވެ. އެއީ 1،000 ރުފިޔާގެ ބޮޑުވުމެކެވެ.
1- އެލަވަންސް ދޭ ކެޓަގަރީތަކާއި ބޮޑުވާނެ ވަރު:
- ނުކުޅެދުންތެރިކަމުގެ ސަބަބުން އަމިއްލައަށް ނޫޅެވޭ މީހުންނަށް 2000ރ
- ނުކުޅެދުންތެރިކަމުގެ ސަބަބުން އަސާސީ ބޭނުންތަކަށް އާންމުކޮށް ބޭނުންކުރަން ޖެހޭ ކޮންސިއުމަބަލް ތަކެތި ގަތުމަށް މަހަކު 1000ރ
- އެއް ގެއެއްގައި ނުކުޅުންތެރިކަން ހުންނަ މީހުން ތިން މީހުންނަށް ވުރެން ގިނަ ނަމަ މީހަކަށް 1،000ރ.
2- ރާއްޖޭގައި ނުކުޅެދުންތެރިކަން ތިބި މީހުންގެ ނިސްބަތް:
- ޖިސްމާނީ ނުކުޅެދުންތެރިކަން: 3،045 މީހުން
- ސިކުނޑީގެ ނުކުޅެދުންތެރިކަން: 2،461 މީހުން
- އެއް ނުކުޅެދުންތެރިކަމަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ މީހުން: 1،986 މީހުން
- އަޑުއެހުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން: 1،517 މީހުން
- ފެނުމުގެ ނުކުޅެދުންތެރިކަން: 876 މީހުން
- އޯޓިޒަމް: 628 މީހުން
- ނަފްސާނީ ނުކުޅެދުންތެރިކަން: 125 މީހުން
- އުނގެނުމުގެ ނުކުޅެދުންތެރިކަން: 63 މީހުން
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސަށް ގެނެވޭ ބަދަލުތައް ދައުލަތުގެ ބަޖެޓުގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހާގެ ނުކުޅެދުންތެރިކަމަށާއި ހާލަތަށް ބަލައި އިތުރު ތިން އިނާޔަތެއް މިއަދު ވަނީ ތައާރަފުކޮށްފަ އެވެ.