އަށް އަހަރުގެ މެދުކެނޑުމަކަށްފަހު ސްކޫލް ކުދީންގެ ލަވަމުރާތް ހުކުރު ދުވަހު ފަށައިފިއެވެ.

މިއީ ރާއްޖޭގައި ބާއްވާ މިފަދަ އެންމެބޮޑު އެހާމެ ވާދަވެރި މުބާރާތެކެވެ. މިމުބާރާތުގައި 32 ސްކޫލަކުން 267 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.

މިއީ ލަވަކިޔުމާއި މިޔުޒިކީ ފަންނު ރާއްޖޭގައި ކުރިއެރުވުމަށް ބާއްވާ ޒަމާންވީ މުބާރާތެކެވެ. މި މުބާރާތުގެ ތެރެއިން އެތައް ލަވަކިޔުންތެރީންނެއް ވަނީ އުފެދިފައެވެ.

މި އަހަރުގެ މުބާރާތް ކުރިއަށްދަނީ ހަ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ:

  • 6 އަހަރުން ދަށް
  • 9 އަހަރުން ދަށް
  • 11 އަހަރުން ދަށް
  • 13 އަހަރުން ދަށް
  • 16 އަހަރުން ދަށް
  • 19 އަހަރުން ދަށް

ހުކުރު ދުވަހުން ފެށިގެން މިމަހުގެ ވިއްސަށް މުބާރާތް ކުރިއަށްދާނެއެވެ. މުބާރާތް ކުރިއަށްދާނީ ކޮންމެ ދުވަހަކު ވެސް ދެ ދަންފަޅިއަށެވެ. މުބާރާތުގެ ފައިނަލް ބުރު ކުރިއަށްދާނީ މިމަހު ސައުވީހުގައެވެ. މި މުބާރާތް ޔެސް ޓީވީން ދައްކާނެއެވެ. މުބާރާތް ކުރިއަށްދަނީ އޮލިމްޕަހުގައެވެ.

މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވަނީ ލަވަޔާއި، މިޔުޒިކާއި، ޅެންވެރިކަމުގެ ދާއިރާގައި ރާއްޖޭގެ މަޝްހޫރު ބޭފުޅުންނެވެ.

މިފަހަރުގެ މުބާރާތް ގެނެސްދެނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީ އޮފް ޔޫތު އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓާއި، މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖާއި ޕީއެސްއެމް ގުޅިގެންނެވެ.