އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ބ. ދަރަވަންދޫ ޕޮލިސް ޑެސްކުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

އެގޮތުން، ޖޫން 14 ވަނަ ދުވަހު ނައްތައިލާފައިވަނީ 527 ފުޅި ބަނގުރާ އަދި 297 ދަޅު ބިޔަރެވެ.

ފުލުހުން ވިދާޅުވީ މިތަކެއްޗަކީ މިދިޔަ އަހަރުގެ އޮކްޓޯބަރ 1 ވަނަދުވަހުން ފެށިގެން މިދިޔަ މެއި 31 ވަނަ ދުވަހުގެ ނިޔަލަށް ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާ އަދި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.