ހެންވޭރު ގެއެއްގައި ތިން ދިވެއްސަކު ރަހީނު ކޮށްފައި ތިއްބާ ފުލުހުން ގޮސް ސަލާމަތް ކޮށްފިއެވެ.

އެމީހުން ރަހީނު ކުރުމުގެ ތުހުމަތުގައި، ފުލުހުން ވަނީ 18 ނުފުރޭ ކުއްޖަކާއި އިތުރު ދިވެއްސަކު ހައްޔަރު ކޮށްފައެވެ.

ރަހީނު ކުރި ތިން މީހުންނަށް އެކި ވަރުގެ އަނިޔާ ވަނީ ލިބިފައެވެ. އެހެންކަމުން އެމީހުންނަށް އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހެންވޭރު އަބަދަށް އުފާ މަގުގައި ހުރި ގެއެއްގައި ބަޔަކު ރަހީނުކޮށްފައި ތިބި ކަމުގެ މައުލޫމާތު ފުލުހުންނަށް މިއަދު ލިބުމާ ގުޅިގެން އެ ތަނަށް ފުލުހުން ދިޔަކަމަށެވެ. އަދި ބާރުގެ ބޭނުންކޮށްގެން އެތަނުގެ އެތެރެއަށް ވަދެފައި ވާކަމަށެވެ.

ފުލުހުން އިތުރަށް ބުނިގޮތުގައި އެ ތަނުގައި ރަހީނުކޮށްފައި ތިބީ ދިވެހި ތިން ފިރިހަނުން ތިބި ކަމަށާ އެމީހުންނަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފައެވެ. އަދި އެމީހުން ސަލާމަތްކޮށްގެން، ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗަށް ގެންގޮސްފައި ވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އަދިވެސް އިތުރަށް ފުލުހުން ބުނީ މި މައްސަލަ އާ ގުޅިގެން ދިވެހި ފިރިހަނަކާއި އަށާރަ އަހަރުން ދަށުގެ ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.