ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި މަސްވެރިކަން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް 67.8 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ)ގެ އެހީއެއް ދިނުމަށް ނިންމާ، އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒެރްވޯސް އެވެ

މި އެއްބަސްވުމުގެ ސަބަބުން އެހީ ބޭނުންވާ ފަރާތްތަކަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމާއި، ޕޮލިސީ ޑިވެލޮޕްމަންޓާއި ބިޒްނަސް ޕްލޭނިން އަށް މަގުފަހިކުރުމާއި، އިވެލުއޭޝަން އަދި ޑިއު ޑިލިޖެންސް ޕްރޮސެސްތަކުގައި އެހީތެރިކަން ލިބޭނެއެވެ.

މީގެ އިތުރުން ޑިޖިޓަލް ފައިނޭންޝަލް އިންފްރާސްޓްރަކްޗާ އިތުރުކުރުމާއި، ފައިނޭންޝަލް ލިޓްރޭސީ އާއި ޓެކްނޮލޮޖީ އެޑޮޕްޝަން ޕްރޮމޯޓްކުރުމާއި، އިންޓެންސިވް ބިޒްނަސް ސަޕޯޓް ޕްރޮގްރާމްތައް ފޯރުކޮށްދިނުން ފަދަ ކަންކަމުގެ ތެރެއިން އެސްއެމްއީގެ ވާދަވެރިކަން ކުރިއެރުވުން ވެސް މި އެހީގެ ދަށުން ކުރިއަށް ގެންދާނެ އެވެ.

އަދި މި އެހީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ވާދަވެރިކަމާއި ގާބިލްކަން ލިބިގެންދާނެއެވެ. މިއީ ވިޔަފާރިތަކުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް، އާމްދަނީ އިތުރުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.