ށ. މިލަންދޫގައި ކުރިއަށް ގެންދިޔަ އަމާންވެށި ޕްރޮގްރާމްގެ ހަރަކާތްތައް ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ ޖޫން 4 އިން 19 އަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ފުލުހުން ވިދާޅުވީ އަމާންވެށި ޕްރޮގްރާމްގެ ހަރަކާތްތައް ނިންމައިލާފައިވަނީ އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ އާއިލީ ހަވީރާ އެކުގައި ކަމަށެވެ. އަދި މި އާއިލީ ހަވީރަކީ މިލަންދޫގެ ކުޑަކުދިން އެކުދިންގެ އާއިލާއާއެކު ކުޅެ މަޖާކޮށްލުމަށް ތަފާތުއެކި ހަރަކާތްތަކާއެކުގައި ކުރިއަށް ގެންދިޔަ ހަވީރެއްކަމަށްވެސް އެ ފަރަރާތުން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، މި ހަވީރުގައި، ޖާދޫގެ ހަރަކާތްތަކާއި ކުޑަކުދިންނަށް ތަފާތު ކުޅިވަރުތައް ހިމެނޭ ސްޓޯލްތައް ތައްޔާރުކޮށްފައި ވެއެވެ. އޭގެތެރޭގައި ރެޕަލިންގ، ފުޓް ޕްރިންޓް ގޭމް، ފެނުގެ ކުޅިވަރު ފަދަ ތަފާތު އެކި ކުޅިވަރުތައް ކުދިން ގަޔާވާނޭހެން ކުރިއަށް ގެންގޮސްފައިވެއެވެ.މި ހުރިހާ ކުޅިވަރެއްގައިވެސް ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވިއެވެ.

އަދި ފުލުހުންގެ ޔުނީފޯމުގައި ފޮޓޯ ނެގުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަވީރުގައި ފުލުހުންގެ ސްޓޯލްތަކުގެ އިތުރުން މިލަންދޫ ކައުންސިލާއި ރަށުގައި ހުރި އެހެނިހެން އިދާރާތަކާއި ޖަމުއިއްޔާ ޖަމާއަތްކުން ބައިވެެެރިވިކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަމާންވެށި ޕްރޮގްރާމްގެ ހަރަކާތްތައް ކާމިޔާބުކަމާއެކު މިލަންދޫގައި ކުރިއަށް ގެންގޮސްފައިވަނީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި، މިލަންދޫ ޕޮލިސް ސްޓޭޝަނާއި، ފުލުހުންގެ އެކި ޑިޕާޓްމަންޓުތަކާއި، މިލަންދޫ ކައުންސިލާއި ރަށުގެ އެހެނިހެން އިދާރާތަކުގެ އިތުރުން ރަށުގެ ޖަމުއިއްޔާ ޖަމާއަތްތައް ގުޅިގެން ރައްޔިތުންގެ ބައިވެރިވުމާ އެކުގައެވެ.