އައްޑޫސިޓީ ހިތަދޫއަށް ބަނގުރާ އެތެރެކުރަން އުޅޭކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބަނގުރާ ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ހިތަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ޖޫން 27 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި ހިތަދޫ ވަލުތެރެއިން އޭނާ ހައްޔަރުކޮށް އޭނާ އެވަގުތު ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު 50 ފުޅި ބަނގުރާ ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާ ވަނީ ދޫކޮށްލާފައެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ މި ޖޫން މަހުގެ 25 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ހިތަދޫ ވަލުތެރެއިން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށާއި މި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.
ހިތަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ މި އޮޕަރޭޝަންތަކަކީ އީދު ބަންދަކީ ރައްޔިތުންނަށް ރައްކާތެރި ކަމާއެކު ހޭދަކުރެވޭނެ އީދަކަށް ހެދުމަށާއި ބަނގުރަލުގެ މައްސަލަތައް ހުއްޓުވުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންތަކެކެވެ.