މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަސްތްތަކުގެ ތެރެއިން ހިންގި ދެ އޮޕަރޭޝަނެއްގައި ފަސް މީހުން ހައްޔަރުކޮށް އެ މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެ އޮޕަރޭޝަންތަކުގެ ތެރެއިން، ގދ. ނަޑެއްލާގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެރަށުގައި މީހަކު މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ.

އަދި ރަތަފަންދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ޖޫން 25 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 30 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 12 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ބައްދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ

މީގެ އިތުރުން، މާލެ، ގަލޮޅު ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ޖޫން 24 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާފައިވެއެވެ.

ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ގަލޮޅު ގެއެއްގެ ދެ އެޕާޓްމަންޓް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓާއި 13 ސެލޯފިންކޮޅުގެ އިތުރުން ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ދިވެހި ހަތަރު ފިރިހެނުން ހައްޔަރުކޮށްފައިވެއެވެ. އެއީ 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެއްގެ އިތުރުން 32 އަަހަރުގެ މީހަކާ އަދި 39 އަހަރުގެ މީހެކެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 32 އަހަރުގެ މީހާ ކޯޓުން ދޫކޮށްލައި އަނެއް ތިން މީހުންގެ ބަންދަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.