އައްޑޫ ސިޓީ ހުޅުމީދޫގައި މީހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ފިރިހެނެއްކަމަށެވެ.

މީގެއިތުރުން އެ މީހާ ވަނީ ރަށުތެރޭގެ އަމަން ނަގާލަން އުޅުމުގެ ތުހުމަތުގައި މި މަހުގެ 27 ވަނަ ދުވަހު ހައްޔަރު ކުރުމަށްފަހު 24 ގަޑި އިރު ފަހުން ދޫކޮށްލާފައިކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަދި ދޫކޮށްލުމަށްފަހު އިއްޔެ ކޯޓު އަމުރެއްގެ ދަށުން އަލުން އޭނާ ހައްޔަރުކޮށްފައިވަނީ މީހަކަށް މަރުގެ އިންޒާރު ދީގެންނެވެ.

ފުލުހުން އަންނަނީ މި ދެމައްސަލަ ވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގައި ބުނެފައި ވަނީ މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ އާއިލާގެ މެންބަރަކަށް ނުވަތަ ތިމާގެ ބެލެވެރިކަމުގެ ދަށުގައިވާ މީހަކަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުން ނުވަތަ އިންޒާރުދިނުމަކީ ކުށެއް ކަމަށެވެ.