ވ.ކެޔޮދޫ ޒުވާނުންގެ ޖަމިއްޔާއިން ބާއްވާ ކޭ.ޒެޑް.ޖޭ ކަޕް 2023 ގެ ފައިނަލްގެ ދެވަނަ ޖާގަ އެން.ޖީ ސްޕޯރޓް އިން ހޯދައިފިއެވެ.

ސެމީ ފައިނަލްގައި އެން.ޖީ ސްޕޯރޓްސް އާއި ސޮލައިދޫ ސްޕޯރޓްސް ކްލަބް ވާދަކުރި ފޯރިގަދަ މެޗް 2-1 އިން އެން.ޖީ ސްޕޯރޓްސް އިން ވަނީ ކާމިޔާބުކޮށްފައެވެ. އެން.ޖީ ސްޕޯރޓްސް ގެ 2 ލަނޑުވެސް ކާމިޔާބުކުރީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންދާ އަދި މި މެޗްގެވެސް މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނު އަރީން އެވެ. ސޮލައިދޫ ސްޕޯރޓްސް ގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މިހާތަނަށް ސޮލައިދޫ ކުޅުނު ހުރިހާ މެޗެއްގައިވެސް މޮޅު ކުޅުމެއް ދެއްކި މާހިލްއެވެ.

އެން.ޖީ ސްޕޯރޓްސް އާއެކު ފައިނަލް ގައި ވާދަކުރާނީ ސްޓެލްކޯ ކްލަބް ކެޔޮދޫ އެވެ. މި ފޯރިގަދަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުއެވެ. އަޟްޙާ ޢީދުގެ މުނާސަބަތާވެސް ގުޅުވައިގެން ކެޔޮދޫ ޒުވާނުންގެ ޖަމިއްޔާއިން ބާއްވާ މި މުބާރާތަކީ ހުނަރުވެރި މޮޅު ކުޅުންތެރިންގެ ހިތްވަރާއި ސަޕޯރޓަރުންގެ ޖޯޝާއި ފޯރި ވަރަށް ބޮޑަށް ފެންނަ މުބާރާތެކެވެ.

މި މުބާރާތުގެ މީޑިއާ ޕާރޓްނަރ އަކީ ހަލިނިއުސް އެވެ. ހަލިނިއުސް މެދުވެރިކޮށް މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދެވޭނެއެވެ. މި މުބަރާތުގެ ސްޕޮންސަރުންނަކީ: ނަކާއި ރިޒޯޓްސް، ސްޓެލްކޯ، ހުޅުމާލެ ސޯމިލްސް، އާބަންކޯ، އެލިއާ އިންވެސްޓްމަންޓްސް، މަޑިހާ ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީ، އެފް.އެސް.އެމް، ވައިޓް މާކަނާ ލޮޖް، ޖުޕިޓަރ ސަންރައިޒް ލޮޖް އަދި ކެފޭ ތާސީރެވެ.