ގެއްލިގެން ހޯދަމުން ދިޔަ މާފަންނު އާޒާދީގުލްޝަން 53 އަހަރުގެ އާތިފާ އަބްދުﷲ ފޯނުން އާއިލާއަށް ގުޅައިފިކަމަށާއި އެހެންނަމަވެސް އަދި ގެއަށް ނާންނަ ކަމަށް އާއިލާއިން މައުލޫމާތު ދީފިއެވެ.
"ހަލި" ނޫހުން އާތިފާ ގެ އެއްވެސް ހަބަރެެއް ވި ތޯ އޮޅުން ފިލުވުމަށް އެއާއިލާއަށް ގުޅުމުން އާއިލާއިން މައުލޫމާތު ދެމުން ބުނެފައި ވަނީ ފޯނަކުން އާތިފާ ގެއަށް ގުޅައިފިކަމަށާއި ހާލު ރަނގަޅު ކަމަށެވެ. އެހެންނަމަވެސް އަދި ގެއަށް އައިސްފައި ނުވާ ކަމަށްވެސް އާއިލާއިން ބުންޏެވެ. އާއިލާއިން އިތުރަށް ބުނީ އާތިފާ ގެއިން ބޭރަށް ދިޔައިރު ފޯނު ނުލާ ދިއުމުން ގުޅޭ ގޮތް ނުވީކަމަށާއި އިތުރު އެއްވެސް މައްސަލައެއް ނޫޅޭ ކަމަށެވެ.
ދާދި ދެންމެއަކު ފުލުހުން މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ އާތިފާގެ އާއިލާއަށް ވިލިމާލޭ ފިހާރައެއްގެ ފޯނަކުން އާތިފާ ގުޅާފައިވާ ކަމަށް ފުލުހުންނަށް އަންގާފައިވާ ކަމަށާއި އެއީ އާތިފާތޯ ޔަގީންކުރުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މ. އާޒާދީގުލްޝަން / އާތިފާ އަބްދުﷲ ގެއްލިފައިވާ ކަމަށް މިއަދު 10:25 ހާއިރު އެ ސްޓޭޝަނަށް ކޮށްފައިވާ ރިޕޯޓަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ދާދިދެންމެއަކު މިވަނީ އާތިފާގެ ހަބަރެއްވެފައިކަމަށް އާއިލާއިން ފުލުހުންނަށްވެސް އަަންގާފައެވެ.
އާތިފާ އެންމެ ފަހުން ފެނިފައި ވަނީ ވިލިމާލޭގައި އޭނާ ދިރިއުޅޭ ގެއިން، ޖޫން 30 ވަނަ ދުވަހުގެ ރޭ 11:45 ހާއިރުއެވެ. އަދި އޭނާ އެންމެ ފަހުން ލައިގެން ހުރީ ފެހިކުލައިގެ ހެދުމެއް ކަމަށާއި އަޅައިގެން ހުރީ ފިޔާތޮށި ކުލައިގެ ޝޯލެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށާއި ސޯޝަލްމީޑިޔާގެ ޕޯސްޓެއްގައި ބުނެފައިވެއެވެ.