ލ. ގަމަށް ބަނގުރާ އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިދަޔަ މަހު 29 ވަނަ ދުވަހުގެ ރޭ ގަން ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ހަތަރު ފިރިހެނުންކަމަށެވެ. އެއީ 39 އަހަރުގެ މީހަކާއި 41 އަހަރުގެ މީހަކާ އަދި 42 އަހަރުގެ މީހެއްގެ އިތުރުން 56 އަހަރުގެ މީހެކެވެ.

މީގެއިތުރުން، ގަމު ބަނދަރު މަތިން އެ ހަތަރު މީހުން ހައްޔަރުކޮށް އެ މީހުން ދަތުރުކުރި ޑިންގީ ބަލައިފާސްކުރިއިރު 72 ފުޅި ބަނގުރާ ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 39 އަހަރުގެ މީހާއަށް ފަސް ދުވަސް އަދި އަނެއް ތިން މީހުންނަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ގަން ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.