އިންޑިއާގައި މަރުވާ މީހުން އަންދާ ތަނެއްގެ ފުރާޅު ބޮލަށްވެއްޓި 19 މީހުން މަރުވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ ޣާޒީއާބާދު ޑިސްޓްރިކްޓްގައި މިއަދުއެވެ.

ޣާޒީއާބާދުގެ ޑިވިޝަނަލް ކޮމިޝަނަރ އަނީތާ މަހޭޝްރާމް ވިދާޅުވީ، މަރުވާމީހުން އަންދާ ތަނުގެ ފުރާޅު ވެއްޓުނީ، ބޯކޮށް ވެހެމުންދިޔަ ވާރެއިން ސަލާމަތްވާން އެތައްބަޔަކު އެ ތަނުގެ ތެރެއަށް ވަދެތިބި ވަގުތެއްގައި ކަމަށެވެ.

ފުރާޅު ބޮލަށް ވެއްޓުނުއިރު އެތަނުގައި ގާތްގަނޑަކަށް ސާޅީހަކަށް މީހުން ތިބި ކަމަށް އަނީތާ ވިދާޅުވިއެވެ.

މިހާދިސާގައި މަރުވި ގިނަ މީހުންނަކީ، މަރުވެގެން އެވަގުތު އެތަނުގެ ތެރޭގައި އަންދަމުންދިޔަ މީހެއްގެ އާއިލާ މެމްބަރުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މަރުވާ މީހުން އަންދާ އިމާރާތުގެ ފުރާޅު ވެއްޓެން މެދުވެރިވީ ކީއްވެގެން ކަމެއް އަދި އޮޅުން ނުފިލާ ކަމަށާއި، އެކަން ކަމާބެހޭ ފަރާތްތަކުން ތަހްގީގު ކުރާނެ ކަމަށް މީޑިއާއިން ބުނެއެވެ.

ޑިވިޝަނަލް ކޮމިޝަނަރ އަނީތާ މަހޭޝްރާމް ވިދާޅުވީ، މިކަމުގައި އިހުމާލުވަނީ އިމަރާތް ހެދި ފަރާތްތޯ، އޮފިޝަލުންތޯ، ނުވަތަ މިއީ މުނިސިޕަލް ކައުންސިލްގެ މަސައްކަތްތެރިންގެ އިހުމާލުން ހިނގިކަމެތޯވެސް ބަލާނެ ކަމަށެވެ.

ޣާޒީއާބާދުގެ ފުލުހުންގެ ވެރިޔާ އިރާޖް ރާޖާ ވިދާޅުވީ، ވެއްޓުނު ފުރާޅަކީ ގާތްގަނޑަކަށް 30 މީޓަރު ދިގު ފުރާޅެއް ކަމަށެވެ. ފުރާޅު ވެއްޓުނީ ކުއްލިއަކަށް ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ފުރާޅު ވެއްޓުމުން އެތަނުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވަގުތުން ފެށިއިރު، ފުރާޅުގެ ދަށުން ނެރުނުއިރުވެސް 19 މީހަކުވަނީ މަރުވެފައެވެ. ޒަޚަމްވި އެހެން މީހުންނަށް އެހިސާބުގެ ހޮސްޕިޓަލެއްގައި ގެންދަނީ ފަރުވާ ދެމުންނެވެ.

ޒަޚަމްވި ބައެއް މީހުންނަށް ބޮޑެތި ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ މިހާދިސާގައި މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް އޮފިޝަލުން ލަފާކުރެއެވެ.