ކުވައިތުގެ ކޯޗް، މަޝްހޫރު ޕޯޗުގަލް ގައުމީ ޓީމުގެ ކުރީގެ ވަރުގަދަ ޑިފެންޑަރު ރުއީ ބެންޓޯގެ "މައިންޑް ގޭމް" މަޅީގައި އިންޑިޔާ ކުޅުންތެރިން ނުޖެހޭނެ ކަމަށާއި އިންޑިޔާ އޮތީ ސާފުގެ ފަޚްރަށްޓަކައި ތަށި ހޯދުމުގެ ފުރިހަމަ ރޫހުގައި ކަމަށް އިންޑިޔާގެ އެސިސްޓެންޓް ކޯޗް މަހޭޝް ގޯލީ ބުނެފިއެވެ.
ގޯލީ މިހެން ބުނީ ރާއްޖޭ ގަޑިން މިރޭ 19:00 ގައި ފަށާ ފައިނަލް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިޔާ ބެންޗުންނާއި ކުޅުންތެރިން މިމެޗުގެ ރެފްރީއަށް ޕްރެޝަރު ނުކުރުނާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެ ބެންޓޯ ދެއްކި ވާހަކަތަކަށް ރައްދު ދެމުންނެވެ.
"ބެންޓޯގެ ވާހަކަތަކަކީ އިންޑިޔާ ކުޅުންތެރިންގެ ވިސްނުން އަނބުރާލަން ދެއްކި ވާހަކަތަކެއް. ބެންޓޯގެ މައިންޑް ގޭމް މަޅީގައި އަހަރެމެން ނުޖެހޭނަން. މީގެ މާނައަކީ އަހަރެމެން މިމެޗް ފަސޭހަކޮށް ނަގާނެއެކޭ ނޫން. މިމުބާރާތުގައި އަހަރެމެން އުނދަގޫ މެޗެއް ކުޅުނީ ކުވައިތާ ދެކޮޅަށް (ގްރޫޕް ސްޓޭޖުގައި 1-1 އިން އެއްވަރުވި މެޗް)" ގޯލީ ބުންޏެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރެފްރީންނަށް ޕްރެޝަރު ކުރުމާއި ގުޅޭ ގޮތުން ބެންޓޯ ދެއްކި ވާހަކައިގައި ހަގީގަތްތައްވެސް އެބަހުއްޓެވެ. ގްރޫޕް ސްޓޭޖުގައި އިންޑިޔާއިން ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗާއި ކުވައިތާ ދެކޮޅަށް ކުޅުނު މެޗުގައި އިންޑިޔާގެ ބެންޗުން ވަނީ ރެފްރީއަށް ޕްރެޝަރުކޮށް ބޭއަދަބީކޮށް މުހާތަބުކޮށް ރެފްރީ ޕްރެޝަރަށް ވައްޓާލަން މަސައްކަތް ކޮށްފައެވެ.
މިދެމެޗުގައި ރެފްރީ ވަނީ އިންޑިޔާގެ ކޯޗް އީގޯ ސްޓިމަކަށް ރަތްކާޑް ދައްކާ ބެންޗުން ފޮނުވާލާފައެވެ. ސަސްޕެންޝަނުގެ ސަބަބުން މިރޭ ފައިނަލުގައިވެސް ސްޓިމަކް ހުންނަން ޖެހޭނީ ކުޅިބަލާށެވެ.
އިންޑިޔާ އާއި ކުވައިތު މީގެ ކުރިން 4 ފަހަރު ބައްދަލު ކޮށްފައިވާއިރު، ކުވައިތުން 2 މެޗް ކާމިޔާބު ކުރިއެވެ. އިންޑިޔާ އެއްމެޗް ކާމިޔާބު ކުރިއިރު އަނެއް މެޗް ނިމުނީ އެއްވަރު ވެގެންނެވެ. މިހަތަރު މެޗުގައި ކުވައިތުން އިންޑިޔާ ކޮޅަށް 18 ލަނޑު ޖެހިއެވެ. އިންޑިޔާއަށް ކާމިޔާބު ކުރެވުނީ 6 ލަނޑެވެ.
ފީފާ ރޭންކިންއަށް ބަލާއިރު އިންޑިޔާ އޮތީ ރޭންކިންގެ 100 ވަނައިގައެވެ. ކުވައިތު އޮތީ 141 ވަނައިގައެވެ.