މިދިޔަ މަހުގައި މާރާމާރި ހިންގަން އުޅެނިކޮށް ހައްޔަރުކޮށް ދައުވާކުރަން ފޮނުވާފައިވާ މުހައްމަދު މަފާޒު ހުސެއިން ސަލީމް، ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލައިފިއެވެ.

މީގެކުރިން މަފާޒް ހައްޔަރުކޮށްފައިވަނީ ތޫނު އެއްޗަކުން ހަމަލާދީ ނަދީމު މަރާލިކަމުގެ ތުހުމަތުގައެވެ. ނަމަވެސް މަފާޒް މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ 14 ނޮވެމްބަރު 2022ގައި ހުކުމްކޮށްފައެވެ. އޭގެ ފަސް މަސް ދުވަސް ފަހުން މަފާޒް އަލުން ހައްޔަރުކޮށްފައިވަނީ އިތުރު މާރާމާރިއެއް ހިންގާ ފުލުހަކަށް ހަމަލަދިން މައްސަލައެއްގައެވެ.

މި މައްސަލައާ ގުޅިގެން އޭނާ ދޫކޮށްލީ ހަތް ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހުގައެވެ. މަފާޒް އެންމެ ފަހުން ހައްޔަރުކޮށްފައި ވަނީ ޑައިނަމޯކައިރިން ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީއެއް ހިންގަން އުޅުނު މީހުންގެ ތެެރެއިންނެވެ. އެއީ މިދިޔަ މަހު ތިން ވަނަ ދުވަހުގެ ރޭ 11:25 ކަންހާއިރުއެވެ.

މި މައްސަލާގައި މަފާޒުގެ މައްޗަށް ދައުލަތުން ކުރަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުނުކަމުގެ ތުހުމަތެވެ.

މި މައްސަލައިގައި ކޯޓުން މަފާޒުގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ. އޭގެ ފަހުންވެސް 15 ދުވަސް އޭނާގެ ބަންދަށް ޖަހައިފައިވެއެވެ. ފުލުހުން ބުނި ގޮތުގައި އެ 15 ދުވަސް އިއްޔެއަށް ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާ ދޫކޮށްލައިފައެވެ

.އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މާރާމާރީއާ ގުޅޭ ދެ މައްސަލާގައިވެސް ދައުވާކުރަން މިދިޔަ މަހުގެ 13 ވަނަ ދުވަހު ވަނީ ޕީޖީއޮފީހަށް ފޮނުވާފައެވެ. މިދިޔަ މަހު ތިންވަނަ ދުވަހު ހިންގި މާރާމާރީގައި ފުލުހުން މަފާޒު ހައްޔަރުކުރި އިރު، ބައެއް މީހުން ވަނީ ފިލައިފައެވެ. އެ ތަނުން ދެ މީހަކު ފިލާފައިވަނީ އެ މީހުން ދުއްވި ސައިކަލު އެތަނަށް ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.