އަންހެން ފުލުހަކަށް ގެވެށި އަނިޔާ ކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

އަންހެން ފުލުހަކަށް ގެވެށި އަނިޔާ ކުރި މައްސަލަ ތަހުގީގުކުރުމުގެ ތެރެއިން ލިބިފައިވާ މައުލޫމާތުގެ އަލީގައި ޕޮލިސް ސާވިސްގެ ޕްރޮފެޝަނަލް ސްޓޭޏްޑަޑްސް ކޮމާންޑުން ތަހުގީގެއް ހިންގަމުން އަންނަ ކަމަށް މިއަދު ފުލުހުން ވަނީ ބުނެފައެވެ.

އަންހެން ފުލުހަކަށް ގެވެށި އަނިޔާ ކުރިކަމުގެ މިފަދަ ތަހުގީގެއް ކުރިއަށްދާކަމަށް ބުނި ނަމަވެސް ގެވެށިއަނިޔާ ކުރިކަމުގެ ތުހުމަތު ކުރެވެނީ ކޮން ފުލުހެއްގެ މައްޗަށް ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އަންހެން ފުލުހަކާ ގުޅޭ ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރައިގެ މައްސަލައެއް އޮއްބާލަން ފުލުހުންގެ އިސް އޮފިސަރަކާއި އިތުރު އޮފިސަރުންތަކެއް މަސައްކަތް ކުރަމުންދާ ކަމުގެ ހަބަރު އިއްޔެ ރާއްޖޭގައި ނެރޭ އޮންލައިން ނޫހެއްގައި ވަނީ ޝާއިއުކޮށްފައެވެ. މިއީ ދޮގު ވާހަކައެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އިއްޔެ ޝާއިއުކޮށްފައިވާ އެ ހަބަރަކީ އެ ސާވިސްއިން ކަމާގުޅޭ ގޮތުން އެއްވެސް މައުލޫމާތު އޮޅުން ފިލުވުމަށް އެއްވެސް މަސައްކަތެއް ނުކޮށް، ލިޔެފައިވާ ދޮގު ހަބަރެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

އަދި ހަމަމިއާއެކު، ފުލުހުން ބުނީ މިފަދަ ހަގީގަތެއް ނެތް ދޮގުވާހަކަ ފެތުރުމަކީ، އަދި ހަގީގަތާ ހިލާފު މައުލޫމާތު ހާމަކުރުމަކީ ކަންބޮޑުވުމެއްކަމަށެވެ. މިއީ ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންގެ ޕްރޮފެޝަނަލް ކޮންޑަކްޓު ކަށަވަރު ކުރުމަށް ގާނޫނުތަކުން ތަފާތު އިންތިޒާމުތައް ހަމަޖެހިފައިވާ ހިނދެއްގައި އެ ނިޒާމުތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް، ޒިންމާދާރުކަމެއް ނެތި އަދި މައުލޫމާތުގެ ސައްހަކަން ބެލުމަށް އެއްވެސް މަސައްކަތެއް ނުކޮށް ކޮށްފައިވާ ކަމެއްކަމަށާއި މިފަދަ ހައްސާސް ކަންކަމުގައި މިގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު ހާމަކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.