ސައުދީ އަރައްބިޔާގެ ރިޔާދުން ފުރައިގެން ފިލިޕީންސްގެ މެނީލާއަށް ދަތުރުކުރި އެގައުމުގެ އެއަރލައިނެއްގައި މަސައްކަތް ކުރާ 10 ކެބިން ކްރޫއިން އެތެރެ ކުރަން އުޅުނު 27 ކިލޯ ފިޔާ އަދި 10 ކިލޯ ލުނބޯ އެއަރޕޯޓް އޮފިސަރުން ހިފަހައްޓައި ސްމްގަލް ކުރަން އުޅުމުގެ ތުހުމަތުގައި ކެބިން ކްރޫންތައް ބަންދު ކޮށްފިއެވެ.

ފިލިޕީންސްގެ ކަސްޓަމްސް އޮފިސަރުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނީ 10 ކެބިން ކްރޫންގެ ސޫޓް ކޭސް ބަލާ ފާސް ކުރިއިރު، ކޮންމެ ސޫޓް ކޭހެއްވެސް ފުރާލާފައި ވަނީ ފިޔާ އާއި ލުނބޯ އަޅައިގެންނެވެ. މީގެ އިތުރުން މިސޫޓް ކޭސްތަކުން 1 ކިލޯ ބްލޫބެރީޒް އާއި ސްޓޯބެރީވެސް ފެނިފައިވާ ކަމަށް ކަސްޓަމްސް އޮފިސަރުންނާއި ހަވާލާދީ ފިލިޕީންސް ނޫސްތަކުން ބުނެފައިވެއެވެ.

ކެބިން ކްރޫންގެ ސޫޓްކޭސްތަކުން ފިޔާ އަދި ލުނބޯ ކޮތަޅުތައް ނަގާ މަންޒަރު ފެންނަ ވީޑިއޯވެސް މިހާރު ވައިރަލް ވެފައެވެ. ވިޑީއޯއިން ފެންނަ ގޮތުގައި ކަސްޓަމްސް އޮފިސަރުން ސޫޓްކޭސްތައް ހާވައި ފިޔާ ކޮތަޅުތަކާއ ލުނބޯ ކޮތަޅުތައް ނަގާ މަންޒަރު ބަލަން އާންމު ޕަސެންޖަރުންވެސް މަޑުކޮށްގެން ތިބޭތަން ފެނެއެވެ.

ކެބިން ކްރޫން ފިޔާ އަދި ލުނބޯ ސްމަގްލް ކުރަން އުޅުނީ ކީއްވެ؟

މިދުވަސްވަރު ފިލިޕީންސަށް ފިޔާ ލިބުން އާދަޔާ ޚިލާފަށް ދަތިވެ، ފިޔާގެ އަގު، ކިލޯއެއް 11 ޑޮލަރަށް ވަނީ މައްޗަށް އުފުލިފައެވެ. އެންމެ އަގުހެޔޮކޮށް ފިޔާ ކިލޯއެއް ލިބެން ހުރީ 2 ޑޮލަރަށެވެ. ފިލިޕީންސްގައި މިދުވަސްވަރު ކުކުޅު މަހާއި އެހެނިހެން ބާވަތްތަކުގެ މަހުގެ އަގުވެސް ފިޔާ ކިލޯއަކަށްވުރެ އަގުހެޔޮކޮށް ލިބޭ ކަމަށްވެއެވެ.