"ދަ ޑިމޮކްރެޓްސް" ގެ ކުލަތަކަކީ ބޭބީބްލޫ، ކަޅާއި ހުދުކަމަށް ފާސްކޮށް ލޯގޯއާއި ނަންވެސް ފާސްކޮށްފިއެވެ.

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އިސްވެ އުފައްދާ ޕާޓީ، "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ މިމަހުގެ ދެވަނަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ދީފައެވެ.

މިރޭ ގިޔާސުއްދީން ސްކޫލުގައި ކުރިއަށްދާ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ޖަލްސާގައި ޕާޓީގެ ނަން ފާސްކޮށްފައިވަނީ އެ ޖަލްސާގައި ބައިވެރިވި 481 މެމްބަރުންގެ ވޯޓުން، އިއްތިފާގުވެގެންނެވެ. އަދި ޕާޓީގެ ކުލަ އާއި ލޯގޯ ފާސްކޮށްފައިވަނީ 473 މެމްބަރުންގެ ވޯޓުންނެވެ. ލޯގޯއާއި ކުލަ ފާސްކުރުމާ ދެކޮޅަށް ހަތް މެންބަރެއް ވަނީ ވޯޓު ދީފައެވެ.

"ދަ ޑިމޮކްރެޓްސް"ގެ ކުލަތަކަކީ ބޭބީ ބްލޫ، އާއި ކަޅާއި ހުދެވެ. އެޕާޓީގެ ފުރިހަމަ ނަން 'ދަ ޑިމޮކްރެެޓްސް'ގެ އިތުރުން ރަމްޒީ ނަމެއްގެ ގޮތުގައި އާއްމުކޮށް ކިޔާ ނަމެއްގެ ގޮތުގައި "ޑިމޮކްރެޓްސް" ވަނީ ފާސްކޮށްފައެވެ. ލޯގޯގެ ގޮތުގައި ފާސްކުރީ ދިވެހި ރުކާއި މުރަކަ ރަމްޒުކޮށްދޭ "އެސްޓްރިކް"އެކެވެ.

468 މެމްބަރުންގެ ވޯޓުން "ދަ ޑިމޮކްރެޓްސް"ގެ ދިދަ، ސްޓޭމްޕް އަދި އޮފީސް އެޑްރެސް ފާސްވީއިރު، ދަ ޑިމޮކްރެޓްސްގެ އޮފީހުގެ އިދާރާއަކީ ހ. މައިޒާންދޮށުގެ ދިހަ ވަނަ ފަންގިފިލާ ކަމަށް ވަނީ ހަމަޖައްސާފައެވެ.