ހުޅުމާލެއިން މާލެއަށް ކާރެއްގައި ބަނގުރާ އެތެރެކުރާ ކަމަށް ފުލުހުންނަށް ރޭ ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ދެ މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މާލެއަށް އެ ކާރު އައުމުން، ބުރިޖާ ހިސާބުން އެ ކާރު ހުއްޓުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުންވެސް ކާރު މަޑުނުކޮށް ދިއުމުން ގަލޮޅު ޕޮލިހުގެ ފުލުހުން އެ ކާރު ފަހަތުން ގޮސް ކާރު ހުއްޓުވާފައިވާކަމަށާއި ސީގަލް ކަންމަތިން ކާރު ހުއްޓުވައި ކާރުގައި ތިބި 21 އަހަރުގެ ދިވެހި ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފައިކަމަށެވެ.

އަދި ކާރު މަޑުކުރަން ފުލުހުން އެންގުމުން މަޑުނުކޮށް ގޮސް، އެ މީހުން ގެންގުޅުނު ކޮތަޅެއް ފިލިގަސް މަގަށް ވަނީ އެއްލައިލާފައިކަމަށާއި އެ ކޮތަޅު ބަލައިފާސްކުރި އިރު 24 ދަޅު ބަނގުރާ ފެނިފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

ޑްރަގް އެންފޯސްމަންޓުން މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ.