ރާއްޖެއަށް ވާރޭ ނުވެހި ގިނަދުވަސްތަކެއް ވަމުންދާތީ އިސްތިސްޤާ ނަމާދުކުރަނީ

0
އިސްތިސްޤާ ނަމާދުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައި

ރާއްޖޭގެ ބައެއް ހިސާބުތަކަށް ވާރޭނުވެހި ގިނަދުވަސްވެ، ރައްޔިތުން ފެނަށް ޖެހެމުންދާތީއާ ހިރަފުހުގެ ސަބަބުން ޖެހޭ ރޯގާތައް އިތުރުވަމުންދާތީ އިސްތިސްޤާ ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ.

މި ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަދުވަހު މެންދުރުނަމާދަށް ފަހުގައެވެ. މާލޭގައި މި ނަމާދު ކުރާނީ އިސްލާމީ މަރުކަޒުގައެވެ. އަދި އެެހެން ރަށްރަށުގައި ނަމާދުކުރާނީ އެ ރަށެއްގެ އެންމެ ބޮޑު މިސްކިތުގައެވެ.

ފެން ލިބުން ދަތިވެއްޖެނަމަ، ނުވަތަ ވާރޭ ވެހުން ލަސްވާނަމަ ވާރޭ ވެއްސެވުމަށް އެދި ނަމާދުކޮށް ދުޢާކުރުމަކީ ސުއްނަތްވެގެންވާ ކަމެކެވެ. މި ނަމާދު ކުރަނީ ބޮޑުޖަމާޢަތެއްގައި އެރަށެއްގެ ކުދިބޮޑު އެންމެން ޖަމާވެގެންނެވެ. ދެ ރަކުވަތުގެ މި ނަމާދަށްފަހު އިމާމުމީހާ ޚުޠުބާއެއް ދޭނެއެވެ. އަދި ޚުޠުބާގައްޔާއި ނަމާދުގެ ފަހުގައި ދުޢާކުރުން އޮންނާނެއެވެ.

Advertisement

މީޑިއާއަށް މަޢުލޫމާތުދެއްވަމުން އައްޝައިޚް ޙަސަން ތަޢުފީގް ވިދާޅުވީ އިސްތިސްޤާ ނަމާދު ތިން ގޮތަކަށް ކުރެވިދާނެކަމަށެވެ. އެގޮތުން ކޮންމެ މީހަކުވެސް އައްމިއްލައަށް މިނަމާދު ކުރެވިދާނެކަމަށާއި އަދި ކޮންމެ ނަމާދެއްގެ ފަހު ރަކުއަތުގައި ވާރޭވައްސަވާތޯ އެދި ދުޢާ ކުރެވިދާނެކަމަށެވެ. މީގެ އިތުރުން ތިންވަނަ ގޮތަކަށް އިސްތިސްޤާ ނަމާދު ފުރިހަމަޔަށް ޖަމާޢަތުގައި ކުރެވިދާނެކަމަށްވެސް ޝައިޚް ވިދާޅުވިއެވެ.

މިގޮތަށް އިސްތިސްޤާ ނަމާދު ކުރުމުގައި ޤައުމެއްގެ ވެރިމީހާގެ ފަރާތުން ރައްޔިތުންނަށް ﷲގެ ހަޒްރަރުގައި ތަޢުބާވެ ޞަދަޤާތްކޮށް ހަތަރުދުވަހު ރޯދަ ހިފުމަށް އަންގައި ޖަމާޢަތުގައި ނަމާދުކުރުމަށް އަންގާނެކަމަށްވެސް ޝައިޚް ވިދާޅުވިއެވެ. މިގޮތަށް ނަމާދަށް ނުކުންނައިރު އެންމެ އެދިވިގެންވަނީ އެމީހެއްގެ އަތުގައި އޮތް އާދައިގެ ހެދުމެއް ލުމެވެ.

“ފުރަތަމަ ރަކުޢަތުގައި ސޫރަތުލް ފާތިހާ ކިޔަވާ އެއަށްފަހު ސޫރަތުލް ޢައުލާ ކިޔަވާނެ. ދެވަނަރަކުޢަތުގައި ފާތިޙާއަށްފަހު ސޫރަޠުލް ޢާޝިޔަ ކިޔަވާނެ. އެއަށްފަހު އިމާމް މީހާ ދެ ޚުތުބާ ދެއްވާނެ. ދެވަނަ ޚުތުބާގައި ދުޢާކުރާނެ.”ޝައިޚް ތަޢުފީޤް ވިދާޅުވިއެވެ.

އިސްތިސްޤާ ނަމާދުކުރުމަށް ވަކި ޚާއްސަ ވަގުތެއްނޯވެއެވެ. ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވާރޭ ނުވެހި އެތަކެއް ދުވަސްތަކެއް ވަނީ ވެފައެވެ. އަދި މި ދުވަސްކޮޅަކީ ވަރަށް ހޫނު ގަދަވެސް ދުވަސްވަރެކެވެ.

Advertisements