ރޭގައި މާލެއިން ފުރައިގެން އދ.މަހިބަދޫއަށް ދަތުރު ކުރަމުންދިޔަ އެރަށު ދޯންޏެއް ކަމަށްވާ ރިކާޑޯ ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި އަޑިއަށް ގޮސްފައިވަނީ ހެލްތް މިނިސްޓްރީގެ ފަރާތުން އދ.އަތޮޅުގެ ރަށްތަކަށް ހަވާލުކުރި ހުރިހާ އައިޓީ ސާމާނުތަކާ އެކުގައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މި ދޯނި ތެރޭގައި ހުރީ ރާއްޖޭގެ ޞިއްޙީ ދާއިރާ ޑިޖިޓަލައިޒްކޮށް އައިޓީ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ފަސް ރީޖަނަލް ހޮސްޕިޓަލަކާއި ފަނަރަ އަތޮޅު ހޮސްޕިޓަލް އަދި 163 ޞިއްޙީ މަރުކަޒަށް ފޮނުވި ސާމާނުތަކުގެ ތެރެއިން އދ.އަތޮޅުގެ ހުރިހާ ރަށްތަކަށް ފޮނުވި ސާމާނުތަކެވެ.

އައިޓީ ސާމާނުތަކުގެ ތެރޭގައި ސަތޭކައަށް ވުރެ ގިނަ އައިޓަމް ހުރި އިރު އޭގެ ތެރޭގައި ކޮންޕިއުޓަރ, ލެޕްޓޮޕް, ޕްރިންޓަރުތައް، ފޮޓޯ ކޮޕީ މެޝިންތަކާއި ޓެބްލެޓް ފަދަ ތަކެތިވެސް ހިމެނެއެވެ.

މިއީ އދ.އަތޮޅަށްވެސް އައިޓީއާ ބެހޭ އެންމެ ބޮޑު ޝިޕްމަންޓް ފޮނުވި ފަހަރެވެ.

ހެލްތް މިނިސްޓްރީން އަތޮޅުތަކުގެ ރަށްތަކަށް އައިޑީ ސާމާނުތައް ހަވާލުކުރުމުގެ ތެރެއިން

މާލެ އިން ފުރައިގެން މަހިބަދޫއަށް ދަތުރުކުރި ރިކާޑޯ ދޯނި އަލިހުރަސް ކަނޑަށް އަޑިއަށް ދާ ކަމުގެ މައުލޫމާތު ލިބިފައިވަނީ އިއްޔެ އިރުއޮއްސުނު ހާއިރުއެވެ. އެ ހަބަރު ލިބުމާއެކު ފުލުހުން ގޮސް އޭގައި ތިބި މީހުން ވަނީ ސަލާމަތްކޮށްފައެވެ. ދޯނީގައި އެވަގުތު ތިބި އަށްމީހުންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ވަނީ ބުނެފައެވެ.