މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ ޕްރޯ ލީގުގެ އަލް-ނަސްރުގެ ކޯޗް ކަމުގެ މަގާމަށް ޝަކްތާ ޑޮނެސްކުގެ ކުރީގެ ކޯޗް ޕޯޗުގަލްގެ ލުއިސް ކާސްޓްރޯ މިއަދު ހަމަޖައްސައިފިއެވެ.

މިދިޔަ ސީޒަނުގައި ރޮނާލްޑޯ ސައުދީ ލީގަށް ގެނެސް ދުނިޔޭގެ ސަމާލުކަން ސައުދީ ލީގަށް ހޯދައިދިން ކްލަބް، އަލް ނަސްރުން ކާސްޓްރޯ އެކްލަބުގެ ކޯޗަކަށް ހަމަޖެއްސީ ރޮނާލްޑޯގެ އެދުމުގެ މަތިން ކަމަށް ރިޕޯޓުތައް ބުނެއެވެ. ކާސްޓްރޯއަަކީ ޕޯޗުގަލްގެ ޕޯޓޯއަށް އަށާއި ބްރެޒިލްގެ ބޮޓަފޯގޯއަށް އިރުޝާދު ދީފައިވާ ޕޯޗުގީޒް ބަހުން ރަނގަޅަށް ވާހަކަ ދައްކަން އެނގޭ ކޯޗެކެވެ.

ކާސްޓްރޯ، އަލް-ނަސްރުގެ ކޯޗް ކަމަށް ހަމަޖައްސާފައި މިވަނީ މިދިޔަ ސީޒަނުގައި އެކްލަބުގެ ކޯޗް ކަމުގައި ހުރި ރޫޑީ ގާސިއާ މިދިޔަ އޭޕްރީލް މަހު މަގާމުން ވަކިކުރުމުން އެމަގާމް ހުސްކޮށް އޮންނަތާ ތިންމަހެއްހައި ދުވަސް ފަހުންނެވެ.

ސައުދީގެ ބައެއް ރިޕޯޓުތައް ބުނާ ގޮތުން އަލް-ނަސްރުން ގާސިއާ ކޯޗުކަމުގެ މަގާމުން ވަކިކުރީ ރޮނާލްޑޯއާ މައްސަލަތައް ޖެހެން ފެށުމުންނެވެ. އޭރު ކްލަބު އޮތީ ތާވަލުގެ ދެވަނައިގައެވެ. ނަސްރުން ގާސީއާ ވަކިކުރުމުން އިޓަލީގެ ޗެމްޕިއަން ނަޕޯލީއިން ވަނީ އެކްލަބުގެ ކޯޗް ކަމަށް ގާސިއާ ގެންގޮސްފައެވެ.