އީޓުކުރިއަކީ ކޮބާ؟

އީޓުކުރި ލޯކަލް ޕްލެޓްފޯމަކީ ރަޖިސްޓްރީކޮށްފައިވާ ކޯޕަރޭޓިވްތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އުފައްދާ ނުވަތަ ވިއްކާ މުދާ ރާއްޖޭގެ އެކިހިސާބުތަކަށް ގެންގޮސްދިނުމުގެ މަސައްކަތް ކޮށްދީ މާކެޓްކުރާ ޕްލެޓްފޯމެކެވެ.

2019 ވަނަ އަހަރުގެ ފަހުކޮޅު ފެށި އީޓުކުރި ލޯކަލް ޕްލެޓްފޯމުގައި މިހާރުވެސް 50 އަށް ވުރެ ގިނަ ވިޔަފާރި ވަނީ ބައިވެރިވެފައެވެ. މޯލްޑިވްސް ޕޯސްޓްގެ އީކޮމާސް ބްރޭންޑެއް ކަމުގައިވާ އީޓުކުރި އެންމެފުރަތަމަ އުފެދުނީ އިންޓަނޭޝަނަލް ސާވިސްއެއްގެ ގޮތުގައެވެ. 2015 ވަނަ އަހަރު އީޓުކުރި އިންޓަނޭޝަނަލް ފެށުނުއިރު، ކޮވިޑްގެ މިހާލަތުގައިވެސް ހުއްޓުމެއްނެތި ދަނީ ހިދުމަތްދެމުން ކަމަށް މޯލްޑިވްސް ޕޯސްޓްގެ ޑައިރެކްޓަރ އޮފް އީކޮމާސް މުހައްމަދު އަހުމަދު ވަނީ ވިދާޅުވެފައެވެ.

"އިންޓަނޭޝަނަލް ޝޮޕިންގ ޑިމާންޑްވެސް ޕެންޑަމިކަށް ބަލާއިރު ވަރަށް ރަނގަޅު. އީޓުކުރި ޔޫ.އެސް.އޭ ފަދަ ޤައުމުތަކުން އެއްޗެހި ގެނެސްދޭނެ ކަސްޓަމަރުންނާއި ހަމައަށް" މުހައްމަދު ވިދާޅުވިއެވެ.

އީޓުކުރީގައި ބައިވެރިވުމުން ލިބެނީ ކޮންފައިދާއެއް؟

އީޓުކުރި ލޯކަލް ޕްލެޓްފޯމްގައި ބައިވެރިވުމުން ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މިޕްލެޓް ފޯމްގައި ބައިވެރިވާ ވިޔަފާރިތަކުގެ މުދާ ގެންގޮސްދިނުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. މިހާރު އީޓުކުރީގައި ރަޖިސްޓްރީވެފައިހުރި ގިނަ ވިޔަފާރިތަކަކީ، މާލޭގައި ހިންގާ ވިޔަފާރި ކަމުގައިވިއަސް، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ވިޔަފާރިތައް ހިމެނެއެވެ. އަދި މިޕްލެޓްފޯމްގައި ބައިވެރިވުމަށް އެއްވެސް އަގެއް ދައްކަން ނުޖެހެއެވެ.

"އީޓުކުރީގައި ބައިވެރިވެފައިވާ ވިޔަފާރިތަކުގެ ހުރިހާ ރޭންޖެއްގެ ޕްރޮޑަކްޓްސް މިހާރުވެސް އީޓުކުރި މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ލިބޭނެ. ހަމައެކަނި އީޓުކުރި މެދުވެރިކޮށް އެއްޗެހި ވިއްކާ ވިޔަފާރިވެސް އެބަހުރި. މާކެޓް ކުރެވުނުވަރާ ބަލާފަ ވަރަށްބޮޑު ތަރުހީބެއް ލިބޭ. ޕެންޑަމިކްއާއި ގުޅިގެން ދަތުރުފަތުރުކުރުމަށް އައި ދަތިކަމުގެ ސަބަބުން ރަނގަޅަށް މާކެޓްކުރުން ފަސްވެގެންދިޔައީ" މުހައްމަދު ވިދާޅުވިއެވެ.

މާލޭގައި ހިންގާ ވިޔަފާރިތަކުން ގަންނަ މުދާ އެއްދުވަސްތެރޭ ގަންނަފަރާތާ ހަމައަށް ގެންގޮސްދޭއިރު، ރާއްޖޭގެ އެކިރަށްރަށަށް ފޮނުވަދޭ މުދާ 3 ނޫނީ 4 ދުވަސްތެރޭ ފޮނުވުމުގެ ޚިދުމަތްދަނީ ދެމުންނެވެ. އަދި ދަތުރުފަތުރުގެ ދަތިކަން ހުރި ހިސާބުތަކަށްވެސް ގިނަވެގެން 7 ދުވަހާއި 14 ދުވަސްތެރޭ މުދާ ގެންގޮސްދެމުންދާ ކަމަށް މުހައްމަދުވަނީ މައުލޫމާތު ދެއްވާފައެވެ.

އީޓުކުރީގެ އަމާޒަކީ ކޮބާ؟

އީޓުކުރީގެ އަމާޒަކީ 2021 ވަނަ އަހަރު ކޮމިއުނިޓީ އޮންލައިން ފިހާރަތަކެއް އީޓުކުރީގައި ހުޅުވުމެވެ. ކޮމިއުނިޓީ ފިހާރަ ހުޅުވާނީ ރަށްރަށުގައި ތިބި އަމިއްލަ އުފެއްދުންތައް އުފައްދާ ފަރާތްތަކާއި ގުޅިގެންނެވެ.

"ރަށްރަށުގައި އުފައްދާ ތަފާތު އަމިއްލަ އުފެއްދުން ވިއްކޭނެ ގޮތެއް އަދި މުޅި ރާއްޖެއަށް އެއުފެއްދުންތައް ލިބޭނެގޮތެއް ޤާއިމްކުރަން ބޭނުންވަނީ. މިގޮތުން އެންމެފުރަތަމަ އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ކުޅުދުއްފުށި ސިޓީ، އަދި ހދ. ހަނިމާދޫ ގެ އޮންލައިން ކޮމިއުނިޓީ ވިޔަފާރިތައް އީޓުކުރީގައި ހުޅުވުމުގެ މަސައްކަތް މިކުރަނީ" ރަށްރަށުގައި ތިބި އަމިއްލަ އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ އުފެއްދުންތައް ވިއްކޭނެ ފަސޭހަ މަގެއް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތަފްސީލް ދެއްވަމުން މުހައްމަދު ފާހަގަކުރެއްވިއެވެ.

"ރަށްރަށުގައި އުފައްދާ ތަފާތު އަމިއްލަ އުފެއްދުން ވިއްކޭނެ ގޮތެއް އަދި މުޅި ރާއްޖެއަށް އެއުފެއްދުންތައް ލިބޭނެގޮތެއް ޤާއިމްކުރަން ބޭނުންވަނީ. މިގޮތުން އެންމެފުރަތަމަ އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ކުޅުދުއްފުށި ސިޓީ، އަދި ހދ. ހަނިމާދޫ ގެ އޮންލައިން ކޮމިއުނިޓީ ވިޔަފާރިތައް އީޓުކުރީގައި ހުޅުވުމުގެ މަސައްކަތް މިކުރަނީ"

ޒަމާނަށް އައި ބަދަލާއިއެކު ދިވެހިރާއްޖޭގައި ކޮންމެ ރަށެއްގައި ހުރި ކަމުގައިވިއަސް އީޓުކުރި މެދުވެރިކޮށް ވިޔަފާރިކުރުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ. މޯލްޑިވްސް ޕޯސްޓްގެ އަމާޒަކީ އާންމުންގެ އިތުބާރު ލިބިފައިވާ ޕްލެޓްފޯމަކަށް އީޓުކުރި ހެދުމަށްފަހު، އީޓުކުރީގެ ފައިދާ ކޮންމެ ރައްޔިތަކަށް ލިބިގެންދިއުމެވެ.

އީޓުކުރި ވެބްސައިޓްގެ ލިންކް: https://shop.etukuri.mv/