ނާބުލްސް، ހުޅަނގު އައްސޭރި (ޖުލައި 7) - ފަލަސްތީނުގެ ބިންތައް ހިފައިގެން ތިބި އިޒްރޭލުން އިއްޔެ ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ހުޅަނގު އައްސޭރިން 3 މީހުން ޝަހީދު ކޮށްލައިފިއެވެ.

ހުޅަނގު އައްސޭރިން ފަލަސްތީނުގެ 3 މީހުން އިޒްރޭލުން އިއްޔެ ޝަހީދު ކޮށްލާފައި މިވަނީ، މިދިޔަ ހަފްތާގައި ޖެނީން އަވަށާއި ޖެނިން ރެފިއުޖީ ކޭމްޕުގައި ވައިގެ މަގުންނާއި އެއްގަމު މަގުން ވަރުގަދަ ޢުދުވާންތަކެއް ހިންގައި އިޒްރޭލުން 12 މީހުން ޝަހީދު ކޮށްލިތާ ތިންދުވަސް ނުވެ އުޅެނިކޮށެވެ.

އިޒްރޭލުގެ ހައްދުފަހަނަ އެޅި އަސްކަރިއްޔާއިން ޖެނިންއަށް ހާހެއްހައި ސިފައިން ފޮނުވައިގެން ހިންގި މިޢުދުވާނުގައި ޖެނިން އަވަށުގެމަގުތަކާއި ގެދޮރާއި ވިޔަފާރިތަކަށް ފުޅާދާއިރާއެއްގައި ގެއްލުން ދިނެވެ.

ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ހާމަ ކުރި ގޮތުގައި ހުކުރު ދުވަހު އިޒްރޭލުން ޝަހީދު ކޮށްލި 3 މީހުންގެ ތެރެއިން ފުރަތަމަ މީހާ ޝަހީދު ކޮށްލީ ހުޅަނގު އައްސޭރީގެ މެދުތެރޭގެ ރަށެއް ކަމަށްވާ އުއްމު ސަފާގައި ކުރިޔަށް ދިޔަ މުޒާހަރާއަކަށް ބަޑިން ދިން ހަމަލާއެއްގައެވެ. އިޒްރޭލުން ދިން ހަމަލާގައި ވަޒަންތައް އަރާފައި ވަނީ ޝަހީދުވި މީހާގެ މެޔަށެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ ނާބުލްސްގައި ޝަހީދުވި ދެމީހުންނަކީ ޚައިރީ މުހައްމަދު ސާރީ ޝާހީން، 34، އާއި ހަމްޒާ މޮއައީދު މުހައްމަދު މަގްބޫލް، 32، ކަމަށެވެ.

ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރާ ދެޖަމާއަތް ކަމަށްވާ ޕޮޕިއުލާ ފްރަންޓް ފޯ ދަ ލިބަރޭޝަން އޮފް ފަލަސްތީނާއި އަލް އަގްސާ ޝަހީދު ބްރިގޭޑް އިން ވަނީ އެމީހުންނަކީ އެދެޖަމާއަތުގެ މެމްބަރުން ކަމަށް ބުނެފަ އެވެ ..

ހުޅަނގު އައްސޭރީގައި މިއަހަރު ފަލަސްތީނުގެ 150 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާއިރު، އިސްރާއީލުގެ މީހުންނަށް އަމާޒުކޮށްގެން ފަލަސްތީނުގެ މުޖާހިދުން ދިން ހަމަލާތަކުގައި މަދުވެގެން 27 މީހުން މަރުވެފައިވެ އެވެ.

އިސްރާއީލުން ވަނީ 1967 ވަނަ އަހަރު ހިނގައިދިޔަ އަރަބް-އިޒްރޭލް ހަނގުރާމައިގައި އެމެރިކާ އާއި އިނގިރޭސިންގެ އެހީގައި ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސް އަދި ޣައްޒާ ހިފާފައެވެ. ފަލަސްތީނުގެ މުޖާހިދުން ނާއި އާންމުން އެސަރަހައްދުތައް މިނިވަން ކުރުމަށް މަސައްކަތް ކުރަމުން ދަނީ އެމީހުން އުއްމީދުކުރާ މިނިވަން ދައުލަތަކަށްޓަކައެވެ.